ދިވެހިރާއްޖޭގައި ކެންސަރު ބަލި އާންމުވަމުން އަންނަ ނަމަވެސް، ދިވެހީންނަށް ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބު އަދި ނޭނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ހާމަކުރައްވައިފިއެވެ. މިނިސްޓަރު ވިދާޅުވީ އެކަން ދެނެގަތުމަށްޓަކައި މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރު ބައެއް ރަށްރަށުގައި ކެންސަރު ބަލީގެ އަދަދު އިތުރުވެ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. ފާއިތުވި އަހަރުތަކުގައި ވަރަށް ގިނަ ބަޔަކު ކެންސަރު ބަލީގައި މަރުވުމާއެކު އެ ވާހަކަތައް އާންމުންގެ ސަމާލުކަމަށް އައެވެ. ބ. ގޮއިދޫ ފަދަ ދަނޑުވެރި ރަށްރަށުގައި ކެންސަރު ބަލި އާންމުވުމާއެކު ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އާންމުން އެދިފައިވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ކެންސަރަކީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ކަންބޮޑުވުން އޮތް ބަލި ކަމަށެވެ. ކެންސަރު ޖެހެން މަގުފަހިވާ އެކި ސަބަބުތައް ހުރިނަމަވެސް، ދިވެހީންނަށް ކެންސަރު ޖެހެނީ ކޮން ސަބަބަކާ ހުރެތޯ ވަކިން އެނގިފައި ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބައެއް ފަހަރު ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާ ގުޅިފައި ޖެހޭ ބަލިއެއް ކަމަށާއި، އަނެއް ބައި ފަހަރު އާއިލީ ގޮތުން ވާރުތަވާ ބަލިއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކެންސަރު ޖެހުމުގައި އެންމެ އާންމު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކަމަށެވެ. ދުންފަތާ ގުޅޭ ގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް މިނިސްޓަރު އުއްމީދު ކުރެއްވިއެވެ. އަދި ރާއްޖޭގެ ދަނޑުތަކުގައި ބޭނުންކުރާ ބޭރުން އެތެރެކުރާ ކެމިކަލް ތަކަކީ ވެސް ކެންސަރަށް މަގުފަހިވާ ބިރު ހުރި މާއްދާތަކެއް ކަމަށް ފާހަގަކުރެވިފައިވެއެވެ. ނާޒިމް ވިދާޅުވީ ރަށްރަށުގައި ކުރިއާލާ ޓެސްޓު ހެދުމުގެ މަގު ފަހިކުރުމާއި، އަތޮޅު ތެރޭގައި ކެންސަރު ފަރުވާ ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ