މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް މި ޖެނުއަރީ މަހު ނިންމައި އާންމުންނަށް ހުޅުވާލާނެއެވެ.
މި ޕާކުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށެއްގައި ކަމަށާއި، މިދިޔަ ސެޕްޓެމްބަރު މަހު ކައުންސިލުން ބުނީ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގައި މަސައްކަތް ނުނިންމިގެން ގޮސް، މިހާރު އާ ތާރީޚެއް ދީފައިވާއިރު، ސީދާ ތާރީޚަކަށް އަދިވެސް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިމަހު އެ ޕާކު އާންމުންނަށް ހުޅުވާލާނެ ކަމުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު މޭޔަރު އާދަމް އާޒިމް އެ ޕާކު ބައްލަވައިލެއްވި ވީޑިއޯއިން ފެންނަ ގޮތުގައި، ގިނަ މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. މޭޔަރު ވިދާޅުވީ މި މަސްތެރޭގައި ރައްޔިތުންނަށް ޕާކު ބޭނުންކުރެވޭ ވަރަށް ހަދާލެވޭނެ ކަމަށެވެ.
ގަލޮޅު ސިޓީ ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ބެންޑްމިންޓަން ކޯޓަކާއި، ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި، ކުޑަކުދިންގެ ކުޅިވަރު ސަރަހައްދެއް ގާއިމުކުރާނެއެވެ. އިވެންޓްތައް ބާއްވަން ޚާއްސަ ސަރަހައްދަކާއި، އުމުރުން ދުވަސްވީ މީހުން މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ވެސް ތައްޔާރުކުރަމުންދާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ