ރައީސްގެ މެސެޖު: މިއީ އުނގެނުމަށް ލިބިގެންދާ އިތުރު ފުރުޞަތެއް

ރައީސްގެ މެސެޖު: މިއީ އުނގެނުމަށް ލިބިގެންދާ އިތުރު ފުރުޞަތެއް

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 09:36
0

އެތައް ދުވަހަކަށްފަހު ސްކޫލުތައް އަލުން ހުޅުވައި ކިޔަވަން ފެށުމުން މިއީ ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ އުއްމީދީކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން ފެށުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓުވިޓުގައި ވިދާޅުވީ ސްކޫލްތައް އަލުން ހުޅުވާލުންވެގެންދާނީ ދަރިވަރުންނަށް އެކުދިންގެ ކުރީގެ ރައްޓެހިންނާއި އަލުން ބައްދަލުވެ، އައު ރައްޓެހިންވެސް ހޯދުމަށް ލިބިގެންދާނެ ފުރުޞަތެއްގެގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް، މާލެ ސަރަހައްދުގައި ގްރޭޑު ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް އަދި ކިޔަވައިދެވިފައެއް ނުވެ އެވެ. އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން އަންނަނީ ގްރޭޑު 1-12 އަށް ކިޔަވައިދެމުންނެވެ. ކުޑަ ދުވަސްކޮޅަކަށް ޕްރީ ސްކޫލު ދަރިވަރުންނަށް ވެސް ކިޔަވައިދީފައި ވެ އެވެ.

ކިޔެވުން ފެށުމާއި ގުޅިގެން ތައުލީމާއިބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ އަހަރު ވެގެންދިޔައީ ވަރަށް ދަތި އަހަރަކަށް ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑުނަށް ނުދިނުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ވެރިން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ދެ ވަނަ ޓާމާއެކު ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ބޭބީ ނާސަރީން ފެށިގެން ގްރޭޑު 12 އާ ހަމައަށް ސްކޫލަށް ހާޒިރުވެ ކިޔެވޭނެ ގޮތަކަށް ސްކޫލުގެ ކަންކަން ތަރުތީބުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ

މިއަދަކީ ކޯވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް އަހަރެއް ފަހުން، ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ފުރަތަމަ ދުވަހެވެ. ރާއްޖޭގެ ސްކޫލުތައް އަލުން ހުޅުވާލާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާ އެކަމަށް ބޭނުންވާ އުސޫލްތައް އެކުލަވާލާފައެވެ. މިގޮތުން ދަރިވަރުން އެންމެ ގިނަވެގެން ސްކޫލްގައި ހޭދަކުރާނީ 5 ގަޑިއިރެވެ. އަދި އޭގެތެރެއިން އެއްގަޑިއިރު އެކުދިންގެ ހުން ބެލުމާއި އަތް ދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކުންވެސް އެ ސްކޫލެއްގައި އަމަލުކުރާނެ އުސޫލްތައް ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.