ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމުގެ އުއްމީދެއް ނެތް މީހުންނަށް އެމީހުންގެ ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ 65 އަހަރު ހަމަނުވިޔަސް ނެގޭ ގޮތަށް ހިމަނައިފިވެއެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހުސައިން މުފީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ސްޕެޝަލިސްޓް ޑޮކްޓަރަކު ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ ކަމަށް ކަނޑައަޅާ މީހުންނަށް އެމީހުން ކަނޑައަޅާ އަދަދެއް ނުވަތަ އެކައުންޓްގައިވާ ފައިސާގެ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ނެގިދާނެއެވެ. ޓާމިނަލް އިލްނަސް ކަމަށް ބުނެފައި އެވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުން ނާދިރު ކަމަށް ޑޮކްޓަރު ކަނޑައަޅާ ހާލަތެވެ.
އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމާއި އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެއްކުމަށް ކޮލެޓްރަލައިޒް ކުރެވޭނެ ގޮތަށް ގާނޫނު ބަދަލުކުރުން ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ