ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ނިޔާވި އަޙްމަދު ފައުޒާން ޙަސަން ވަކިވެގެން ދިއުމަކީ މުޅި ފުވައްމުލަކު ސިޓީއަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތާމައެކެވެ. މުޅި ސިޓީއަށް ހިތްދަތިކަމާއި ހަމަހިމޭކަން ވެރިވެފައިވާއިރު، ފައުޒާންގެ ހަނދާންތަކަކީ އެފަސްގަނޑުން އަބަދުވެސް ފެންނަން ހުންނޭ ހަނދާންތަކެއް ކަމުގައި ފުވައްމުލައް ސިޓީ ރައްޔިތުން ދެކެއެވެ.
ފައުޒާންގެ ސްކޫލު ހަޔާތް:
ފައުޒާންއަކީ ސުކޫލު ހަޔާތުގައި ވަރަށް އިސްނަގައި ކަންކަމުގައި ކުރިމަތިލައި، ހިތްވަރާއިއެކު ކުރިއަށްދާ ކުއްޖެކެވެ. ފައުޒާން ނިޔާވިއިރު، ތައުލީމް ހާސިލް ކުރަމުންދަނީ ގްރޭޑް 10 ގައެވެ. ސްކޫލުގެ އެންމެ ފަހު މަރުހަލާގައި ތައުލީމް ހާސިލް ކުރަމުންދިޔަ ފައުޒާންއަކީ ތައުލީމު އުގެނުމަށް މަސައްކަތް ކުރާ ހިތްވަރު ގަދަ ކުއްޖެކެވެ. އޭނާއަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ލީޑަރޝިޕް ދައްކާ ކުއްޖެކެެވެ.

އުމުރުން އެންމެ 17 އަހަރުގެ ފައުޒާން އަކީ ކީ ފުވައްމުލަކު ސްކޫލްގެ ސްކައުޓް ގްރޫޕްގައި ޕެޓްރޯލް ލީޑަރެއްގެ މަޤާމު އަދާކުރަމުންއައި ކުއްޖެކެވެ. މިނޫންވެސް އެކިއެކި ކުޅިވަރު ހަރަކާތްތަކާއި، ސުކޫލުން ހިންގާ އެކި އެކްޓިވިޓީތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކީ ފައުޒާނެއެވެ. ފައުޒާނަކީ ސުކޫލުގެ މުދައްރިސުންނާއި، ބެލެނެވެރިންގެވެސް ލޯބި ހޯދާފައިވާ ކުއްޖެކެވެ.
ފައުޒާންގެ ވަކިވެ ދިއުން:
އަހުމަދު ފައުޒާން ހަސަން ގެނބުނީ، ގެނބުނު ދެކުއްޖަކު ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ބާރު އޮއިވަރުގެ ތެރެއަށް ފައުޒާން އާއި އޭނާގެ ރަހުމަތްތެރިޔަކު ފުންމާލީ ގެނބެމުން ދިޔަ 2 ކުދިން ސަލާމަތް ކުރުމަށެވެ. ފައުޒާން ވަކިވެގެން ދިޔައީ އެހެން ބައެއްގެ ފުރާނަ ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައެވެ. ފައުޒާން ނިޔާވީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށެވެ.
ފައުޒާންގެ ހިތްވަރަށް ތަޢުރީފާއި، ފުރާނައަށް ހެޔޮދުޢާ:
ފައުޒަން ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވަނީ އެންމެ ފަހު ވަގުތުވެސް ފައުޒަން ދައްކުވައިދިން ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن އެންމެ ފަހު ވަގުތު ވެސް ފައުޒާން ދައްކުވައިދިނީ މަތިވެރި ހިތްވަރެއް. މާތް ﷲ މަރްޙޫމް ފައުޒާންއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
– ޑރ.އައިޝަތު ޢަލީ ވިދާޅުވިއެވެ.
ފައުޒާން ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މުޅި ފުއައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި" ކަމަށެވެ.
މުޅި ފުއައްމުލައް ފަޚުރުވެރިވާ ދަރިއެއް ކަމުގައިވި ފައުޒާން ދުނިޔެދޫކޮށް އެދިޔައީ މުޅިއިންސާނިއްޔަތަށް ހިތްވަރާއި އޯގާތެރިކަމާއި ކުލުނުގެ ފުރިހަމަ ނަމޫނާއެއް ދައްކައިދީފައި.
މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!— Abdulla Shahid (@abdulla_shahid) January 9, 2021
މީސް މީޑިއާގައި މިރޭ އެންމެ ގިނަ ބަޔަކު ޝެއާ ކުރަމުން ގެންދާ އެއް ޕޯސްޓަކީ ފައުޒާން މީގެ ދެދުވަސް ކުރިން ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓެކެވެ. އެޕޯސްޓްގައި ބުނެފައި ވަނީ ކުއްލިއަކަށް އަހަރެންގެ މަރުގެ ޚަބަރު ލިބިއްޖެނަމަ އަހަރެންނަށް މާފުކޮށް، ތިބާގެ ހެޔޮ ދުއާގައި އަހަރެން ބައިވެރި ކޮށްދޭށެވެ.
ފައުޒާންގެ ކުއްލި މަރުގެ ޚަބަރާއިއެކު އެންމެން ވެސް ދަނީ އޭނާ އަށް ހެޔޮ ދުއާ ކުރަމުންނެވެ. އަދި އެންމެ ފަހު ވަގުތު ވެސް އޭނާ ދެއްކި ހިތްވަރު ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. މިޙާދިސާގައި ނިޔާވި ފައުޒާންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ފައުޒާންގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.
ކޮމެންޓު ފޮނުވާ