ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިއާ އަވަހާރަވެއްޖެ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިއާ އަވަހާރަވެއްޖެ

Author
ޙަސަން މުޙައްމަދު
30 ޑިސެމްބަރ 2025 12:36
0

ބަންގްލަދޭޝްގެ ތާރީހުގައި ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ހުންނެވި ހާލިދާ ޒިއާ ދިގު ދުވަސްކޮޅެއް ވަންދެން ނުޖެހިވަޑައިގަތުމަށްފަހު ރޭ އަވަހާރަވެއްޖެ އެވެ. އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު ފަރުވާއަށް ލަންޑަނަށް ވަޑައިގެން ހަތަރު މަސްދުވަސް ހޭދަކުރެއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެންފަ އެވެ.

ހާލިދާ ޒިއާ ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަތީ 1981 ވަނަ އަހަރު ރައީސުކަން ކުރައްވަމުން ގެންދެވި އެކަމަނާގެ ފިރިކަލުން ޒިއާއު ރަހްމާން ބަގާވާތެއްގައި އަވަހާރަ ކޮށްލުމަށްފަހު އެވެ. 1984 ގައި ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމަށްފަހު ބަންގްލަދޭޝްގެ ފައުންޑަރުގެ އަންހެން ދަރިފުޅު ޝެއިހު ހަސީނާއާ ގުޅިގެން މިލިޓަރީ ވެރިކަމަކަށް ހުރަސްއަޅުއްވައި 1990 ގައި ހުސައިން މުހައްމަދުގެ ވެރިކަން ވައްޓާލެއްވި އެވެ.

ނަމަވެސް ދެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް ގަދަވެ 1991 ގެ އިންތިހާބުގައި ވާދަކުރެއްވި އިރު ހާލިދާ ކާމިޔާބުވެ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމުގެ ޝަރަފު ހޯއްދެވިއެވެ. އަދި ވެރިކަމުގައި ރިޔާސީ ނިޒާމް ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް އޭނާ ބަންގލަދޭޝްގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރެއްވިއެވެ. 1996 ގައި ހަސީނާ އަތްމައްޗަށް ބާރު ފުރޮޅިގެން ދިޔައިރު 2001 ގައި އަނެއްކާވެސް ހާލިދާ ބޮޑުވަޒީރުކަމުގެ މަގާމް ހޯއްދެވިއެވެ. ދެ ލީޑަރުންގެ ވާދަވެރިކަން "ބެޓްލް އޮފް ބެގަމްސް" ގެ ނަމުން މަޝްހޫރުވެފައިވެ އެވެ. އަންނަ ފެބްރުއަރީގައި އޮންނަ މަޖިލިސް އިންތިހާބުގައި ހާލިދާގެ ބީއެންޕީ ޕާޓީ ކާމިޔާބުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.