ދިވެހި ޤައުމަށާއި، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތާއި ގުޅިގެން ޖަލަށްލައި އަނިޔާ ދިނަސް އެއަނިޔާއަށް ކެތްކުރަން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ތައްޔާރަށް އޮތް ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ހއ.ކެލާގައި ބާއްވަމުންދާ ޖަލްސާގައި މާލެ ބަންދުގައި ތިބެ ޕީޕީއެމް އޮފީހުގައި ހުންނަވައި ކެލާ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ސަރުކާރުން ދަނީ ކެނޑިޑޭޅި އިދިކޮޅު ލީޑާޝިޕަން ބިރު ދައްކުމުގެ މަސައްކަތް ކުރަމުން ކަމުގައެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑު އެހުން މިމަހުގެ31 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާކަމަށެވެ. އަބްދުއްރަހީމަށް ކޮށްފައިވަނީ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ އުފާލާފައުވާ ދައުވާއެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ އަބްދުއްރަހީމް ޖަލަށް ލިޔަސް، ލީޑަރޝިޕްގެ ހުރިހާ ބޭފުޅުން ޖަލަށް ލިޔަސް ހަމަ ގޮވާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ. ޖަލަށް ލާފާނެކަމަށް ބިރުން ޖަލްސާތައް ނުބާއްވައި ސިޔާސީ ހަރަކާތްތައް ހުއްޓާލައިގެން ތިބެދާނެކަމަށް ރައީސް ޞާލިހުއާއި، މިސަރުކާރުން ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރައީސް ޔާމީން އެތައް މަހެއް ވަންދެއް މިހާރުވެސް ނުހައްގުން ޖަލަށްލާފައިވާއިރު، އެމަނިކުފާނު ދައްކަމުންދާ ހިތްވަރަކީ މުޅި ލީޑަރޝިޕަށް ހިތްވަރުލިބި މިސަރުކާރު ބަލިކުރަން އިތުރު ގިޔަރަކަށް މަސައްކަތް ކުރަން ލިބިގެންދާ އިތުރު ބާރެއް ކަމަށެވެ. އަދި ރައީސް ޔާމީން އެދެނީ އެމަނިކުފާނުގެ ހައްގުގައި ކައުންސިލް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ކަމަށް ޝުޖާ ވިދާޅުވިއެވެ.
ރައީސް ޔާމީން ތިޔަ އެންމެ ބޭފުޅުން ކައިރިން އެދެނީ އެންމެ ކަމަކަށް. އެމަނިކުފާނަށް ދޭ އަނިޔާއަށް ދަނީ ކެތްކުރަމުން. އެމަނިކުފާނު އެދެނޭ ދިވެހި ލޮބުވެތި ރައްޔިތުން ކައުންސިލް އިންތިޚާބުގައި ކޯލިޝަން ކެންޑިޑޭޓުންނަށް ވޯޓުދީ، މިސަރުކާރު ބަލިކުރަން މަަސައްކަތް ކޮށްދެއްވުން. އެކަން ކުރުމަށް ކެލާ ރައްޔިތުން ކެތް މަދުވެފައިވާކަން މިރޭ އެބަ ޔަގީންވޭ.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ސަރުކާރުން އިދިކޮޅު ކޯލިޝަނަށް ކެންޕެއިން ކުރުމަށް ހުރަސް އަޅައި، އެތައް ގޮންޖެހުންތަކެއް ކުރިމަތި ކުރަނުންދާކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕާއި އާންމު މެމްބަރުންނަކީ މާގުޅުން ރަނގަޅު ބަދަހި ސަފުތަކެއް އޮތް ޕާޓީއެއްކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި އެކަން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެކަން ދައްކާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ