ހަމާސްގެ މަޝްހޫރު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވިކަން އިއުލާނުކޮށްފި

ހަމާސްގެ މަޝްހޫރު ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވިކަން އިއުލާނުކޮށްފި

Author
ހުސެއިން
29 ޑިސެމްބަރ 2025 11:34
0

ހަމާސްގެ އަސްކަރީ ވިންގު އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސްގެ ރަސްމީ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން ހޯމަ ދުވަހު އެ ޖަމާޢަތުން ކަށަވަރުކޮށްދީފިއެވެ. އޮގަސްޓު 30 ގައި ޣައްޒާއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދުވެފައިވާ ކަމަށް އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ޝާއިއުކުރި ވީޑިއޯ ބަޔާނެއްގައި ބުންޏެވެ. ހުޒައިފާ ސަމީރު އަލްކަހްލޫތު އަކީ އޭނާގެ އަސްލު ނަމެވެ.

1985 ވަނަ އަހަރު ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި އުފަންވި އަބޫ އުބައިދާ ވަރަށް ޅަ އުމުރުގައި ހަމާސްއާ ގުޅިވަޑައިގެން ފަހުން އެ ޖަމާޢަތުގެ އަސްކަރީ ވިންގުގެ ތަރުޖަމާނުގެ މަގާމު ފުރާފައިވެއެވެ. ހަނގުރާމައިގެ ތެރޭގައި އޭނާގެ ވީޑިއޯ ބަޔާންތަކަކީ ޣައްޒާގެ ރައްޔިތުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކުން އިންތިޒާރުކުރަމުން ދިޔަ މުހިންމު ބަޔާންތަކެކެވެ. އަބަދުވެސް އޭނާގެ މޫނު ރަތް ކަފިއްޔާއަކުން ނިވާކޮށްގެން އަސްކަރީ ހެދުމުގައި ހުރެ އޭނާ ރަސްމީ ބަޔާންތައް ހުށަހަޅުއްވައެވެ.

އަސަރުގަދަ ތަޤުރީރުތަކާއި އިޒްރޭލަށް ދެއްވާ ވަރުގަދަ އިންޒާރުތަކުން އޭނާ މަޝްހޫރުވެފައިވާއިރު، ގިނަ އަހަރުތަކެއް ވަންދެން ހަމާސްގެ އޮފިޝަލުންގެ ތެރެއިންވެސް މަދު ބަޔަކަށް ނޫނީ އޭނާގެ އައިޑެންޓިޓީ ނޭނގޭކަން އެ ޖަމާޢަތުގެ އޮފިޝަލަކު ހާމަކުރެއްވިއެވެ. އޭނާ ޝަހީދުވިކަން އިއުލާނުކުރި ވީޑިއޯގައި ފެނުނު އާ ތަރުޖަމާނު ވިދާޅުވީ އޭނާ ކުރީގެ ތަރުޖަމާނުގެ ނަން ބޭނުންކުރައްވާނެކަމަށާއި އެ ހަނގުރާމައިގައި ހަމާސްގެ އިތުރު ހަތަރު ލީޑަރަކުވެސް ޝަހީދުވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.