ސްކޮލަޝިޕް ދަރިވަރުންގެ ސްޓައިޕެންޑް ބޮޑުކޮށް، ޝަކުވާ ހުށަހެޅުމަށް ޚާއްސަ އެޕެއް ލޯންޗްކުރަނީ

ސްކޮލަޝިޕް ދަރިވަރުންގެ ސްޓައިޕެންޑް ބޮޑުކޮށް، ޝަކުވާ ހުށަހެޅުމަށް ޚާއްސަ އެޕެއް ލޯންޗްކުރަނީ

Author
ހުސައިން
29 ޑިސެމްބަރ 2025 11:48
0

ސްކޮލަޝިޕްގެ ދަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުޑޫ ސްޓައިޕެންޑާ ގުޅޭ މައްސަލަތަކުގެ ތަފްސީލީ ރިޕޯޓެއް މިނިސްޓަރަށް ހުށަހެޅުއްވުމަށް ފަހުއެވެ.

ކުޑޫ ބުރާސްފަތި ދުވަހު ހުށަހެޅުއްވި ރިޕޯޓުގައި ސްޓައިޕެންޑާއި ޓިއުޝަން ފީ ލަސްވުމުގެ ކަންބޮޑުވުންތަކާއި، ރީއިމްބާސްމަންޓް ފައިސާ ޖަމާނުވުމުގެ މައްސަލަތަކާއި، މިނިސްޓްރީއާ މުއާމަލާތްކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ. ދަރިވަރުން ހުށަހަޅާފައިވާ ދެ ލިޔުމެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި މި ރިޕޯޓުގައި، ދަރިވަރުންގެ މެސެޖް ސީންކޮށް ޖަވާބު ނުދިނުމާއި، ލިޔެކިޔުން ގެއްލުމާއި، ޓިކެޓު ފައިސާއާއި އެހެނިހެން ޚަރަދުތައް ހޯދަން ހުށަހެޅިތާ މަސްތަކެއް ވަންދެން ފައިސާ ޖަމާނުވުން ފަދަ މައްސަލަތައް ހިމަނާފައިވެއެވެ.

މީގެ އިތުރުން، ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓުތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާހަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށް، ބައެއް ދަރިވަރުންގެ ސްކޮލަޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިހާރު ދެވޭ ސްޓައިޕެންޑަކީ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން އިންފްލޭޝަނާ ގުޅިގެން ޚަރަދުތައް ހަމަނުޖެހޭކަން ދަރިވަރުން ފާހަގަކޮށްފައިވެއެވެ.

މި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ ގޮތުން ދަރިވަރުން ޝަކުވާ ހުށަހެޅުމަށް "ހަޔާ އެޑިއުކޭޝަން ސިސްޓަމް" ނަމުގައި ޚާއްސަ އެޕެއް ޑިވެލޮޕްކުރަމުން އަންނަ ކަމަށާއި، އެޕް މިވަގުތު ޓެސްޓިން މަރުހަލާގައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޖެނުއަރީ މަހު ނިމުމުގެ ކުރިން އެޕް ލޯންޗްކުރެވޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއެވެ. އަދި ރިޕޯޓުގައިވާ ގިނަ މައްސަލަތައް މި ހަފްތާ ތެރޭގައި ހައްލުކުރާނެ ކަމަށާއި، ސްޓައިޕެންޑް ލަސްވުމުގެ މައްސަލަ މި ހަފްތާގައި ހައްލުވެ، މައުލޫމާތު ފުރިހަމައަށް ހުށަހެޅި ދަރިވަރުންނަށް ފައިސާ ލިބޭނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.