ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކޮށް، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ ރޭޓުން ފައިސާ ދޭ ގޮތަށް އެންސްޕާގެ ގަވާއިދަށް އިސްލާހު ގެނެސް މިއަދު ގެޒެޓް ކޮށްފި އެވެ.
މީގެ ކުރިން މި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް ކުއްޖަކަށް 1،000 ރުފިޔާ ދެމުން އައި އިރު، އެންމެ ގިނަވެގެން ދެމުން ދިޔައީ 10،000 ރުފިޔާ އެވެ. އިސްލާހުގައިވާ ގޮތުން ހަތަރު ކުދިންނަށް ފަހު އިތުރު ކުދިންނަށް ކުއްޖަކަށް 1،000 ރުފިޔާގެ މަގުން ދޭނެ އެވެ. މި އިނާޔަތުގެ އެންމެ މަތީ ހައްދަކީ މަހަކު 15،000 ރުފިޔާ އަދި އަހަރަކު 180،000 ރުފިޔާ އެވެ.
އަންނަ ޖެނުއަރީ އެކުން ފެށިގެން އަމަލު ކުރާ ގޮތަށް ގެނައި އިސްލާހުގައި އެހެން މުހިންމު ބަދަލަކީ، އެހީ ހޯދާ މީހާގެ ނަމުގައި އޮންނަ ބޭންކު އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ވެސް އެދޭ ނަމަ ފައިސާ ޖަމާކޮށްދޭ ގޮތަށް ހަމަޖެއްސުމެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ބޮޑުކުރައްވާނެ ކަމުގެ އިއުލާން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ މިދިޔަ އޮކްޓޯބަރު މަހު އެވެ. މި އިނާޔަތް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 211 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މި އިނާޔަތް ލިބެންޖެހޭ 5،878 މީހުން ތިބެ އެވެ.
ކޮމެންޓު ފޮނުވާ