ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަނީ ކުނި އަޅައިގެން ނޫން: އެޗްޑީސީ

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަނީ ކުނި އަޅައިގެން ނޫން: އެޗްޑީސީ

Author
ޙަސަން މުޙައްމަދު
24 ޑިސެމްބަރ 2025 10:00
0

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްކުރަނީ ކުނި އަޅައިގެން ކަމަށް ބުނެ އާންމުންގެ ތެރެއިން ވާހަކަދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ރޭ ބޭއްވި ބައްދަލުވުމުގައި މި މައްސަލަ އުފައްދާލައިފައިވަނީ އެތަނެއްގައި ހާޒިރުވި މީހަކު ތިންވަނަ ފިޔަވަހީގެ ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ކުނި އަޅައިގެން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމުންނެވެ. މި ވާހަކައަށް ރައްދު ދެއްވައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ސަރުކާރުން ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެ ކަމަށެވެ. އިންޓަނޭޝަނަލް ކޮންޓްރެކްޓުތަކާއެކު އީއައިއޭ ހަދައިގެން ކުރަމުން ގެންދަނީ ބިން ހިއްކުމުގެ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު މިއަދު ވިދާޅުވީ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަމުން ގެންދަނީ ކުނި އަޅައިގެން ނޫން ކަމަށާއި އެތަނުގައި އަޅަމުން ގެންދަނީ ސީއެންޑީ ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން މިހާތަނަށް ބިމުގެ ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ ވެސް ގުޅުވާލައިފިއެވެ. މަސައްކަތް ކުރަމުން ގެންދާ އެމްއޭސީއެލުން އިއްޔެ ބުނީ ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ހުރި މި ޕްރޮޖެކްޓުގެ 63.5 ޕަސެންޓް ނުވަތަ 40 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށާއި މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫއެކެވެ. މި މަޝްރޫއު އަވަހަށް ނިންމައި، ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.