މާލޭގެ ގަސްތައް ކަނޑާލަނީ ސަރުކާރުން ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމުން ރެކިގަނެ، ހިތުހުރި ގޮތަކަށް ސަރުކާރަށް ކަންކަން ކުރުމަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު މިހެން ވިދާޅުވީ މާލޭ އުތުރުފަރާތު ބަނދަރު ހެދުމުގެ މަސައްކަތާ ގުޅިގެން ބާޒާރުމަތީ ސަރަހައްދުގެ ގަސްތައް ކަނޑަން ފަށުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާއާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ގަސްތައް ކަނޑަން ފެށިކަން އެނގެއެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ބައެއް މީހުން އެދިފައިވާ ގޮތުގެ މަތިން ދުވަސްވީ ދެ ނިކަގަހެއް ކަނޑާލަން ނިންމެވުމާ ގުޅިގެން ވެސް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެ ނިންމެވީ ބައްދަލުވުމަށް ވަޑައިގެންނެވި މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައިގެންނެވެ.
ކޮމެންޓު ފޮނުވާ