މަޝްހޫރު ވިޔަފާރިވެރިޔާ ރާޖު ކުންދުރާއާއި އޭނާގެ އަންހެނުން، ބޮލީވުޑް ތަރި ޝިލްޕާ ޝެޓީގެ މައްޗަށް 60 ކްރޯޑް ރުފީސްގެ މަކަރާއި ހީލަތުގެ މައްސަލައެއް ރަޖިސްޓަރީކޮށްފައިވާ ކަމަށް މުމްބާއީ ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލަ ރަޖިސްޓަރީ ކުރެވުނީ މުމްބާއީގައި ދިރިއުޅޭ 60 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ކޮތާރީ ތުހުމަތު ކުރާ ގޮތުގައި، މިހާރު ހުއްޓިފައިވާ "ބެސްޓް ޑީލް ޓީވީ ޕްރައިވެޓް ލިމިޓެޑް" ކުންފުންޏާ ގުޅުންހުރި ލޯނާއި އިންވެސްޓްމަންޓް މުއާމަލާތަކުން އޭނާގެ 60.4 ކްރޯޑް ރުޕީސްއަށް މަކަރު ހަދާފައިވެއެވެ. ރާޖު ކުންދުރާއާއި ޝިލްޕާ ޝެޓީ މި ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވައެވެ. މި މައްސަލައިގެ ދައުވާ ސާބިތުވެއްޖެ ނަމަ، ހަތް އަހަރާ ހަމައަށް ޖަލު ހުކުމަކާއި ފައިސާގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބުނެއެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ރާޖު އާއި ޝިލްޕާގެ ބަޔާންތައް ނަގައި، ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަބަރުތައް ފެތުރުމާ ގުޅިގެން، ރާޖު ކުންދުރާ ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް، އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް އަދި ބަޔަކު ބޭނުންވެގެން ކުރާ ތުހުމަތުތަކެއް ކަމަށް ބުނެ ދޮގުކޮށްފައެވެ. "އަހަރެމެންނާ ދެކޮޅަށް ފަތުރަމުންދާ ތުހުމަތުތައް މުޅިން ދޮގު. މި މައްސަލައަށް ޖިނާއީ ކުށެއްގެ ސިފަ ގެނައުމަކީ ގާނޫނީ ބިންގަލެއް ނެތި ކުރާ ކަމެއް،" ރާޖު ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ