ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިކްސްޑް ލަގްޒަރީ ރެޒިޑެންޝަލް މަޝްރޫއެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ. މި މަޝްރޫއަށް 125،387 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، 47 މީޓަރު އުސްމިނުގައި އިމާރާތް ކުރުމަށް ހުއްދަ ދީފައިވެއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއު ހަވާލުކުރުމުގައި އިސްކަންދޭނީ ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށް ކަމަށެވެ. ނަމަވެސް އެހެން މޮޑެލްތަކުންވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ދެ ފަރާތަށްވެސް ލިބޭނެ ފައިދާތައް ތަފްސީލްކޮށް ހިމަނަންޖެހޭނެއެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރިނަމަ، މަޝްރޫއު ހަވާލުކުރާނީ އެ ކުންފުނީގެ ވިޝަންއާއި މާސްޓާ ޕްލޭނާ އެންމެ އަށަގެންނަ ހުށަހެޅުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގައި ބިޒްނަސް މޮޑެލް، ތަޖުރިބާ، ކޮންޓްރެކްޓަރުގެ ޓާމް، މާލީ ގާބިލްކަން އަދި ސީއެސްއާރް ޕްރޮގްރާމަށް ބަލާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މި މަޝްރޫއަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންޖެހޭނީ މި ދިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
ކޮމެންޓު ފޮނުވާ