ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒަމާނީ ސީސީޓީވީ މޮނިޓަރިން ސެންޓަރެއް ގާއިމްކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒަމާނީ ސީސީޓީވީ މޮނިޓަރިން ސެންޓަރެއް ގާއިމްކޮށްފި

Author
އަހުމަދު
19 ޑިސެމްބަރ 2025 10:33
0

ހުޅުމާލެ ރައްކާތެރި އަދި އަމާން ތަނަކަށް ހެދުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒަމާނީ ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ވިނަރެސް ޓަވަރު 9 ގައި ގާއިމްކޮށްފިއެވެ. މި ސެންޓަރުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި އާންމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، ހިނގާ ކަންތައްތައް ވަގުތުން ބެލެހެއްޓުމުގެ ގާބިލިއްޔަތު އިތުރުކުރުމެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި ސެންޓަރުގެ ޒަރީއާއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގަމުންދާ ހުރިހާ ކަންތައްތަކެއް ވަގުތުން ބެލެހެއްޓޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މި ސެންޓަރު ބަލަހައްޓާނީ އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީގެ މުވައްޒަފުންނެވެ. ދާދިފަހުން ތައާރަފުކުރި އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތުގެ ދަށުން 24 ގަޑިއިރު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ހާއްސަ ޔުނީފޯމެއް އަޅައިގެން ކުރިއަށްދާނެއެވެ.

އެޗްޑީސީގެ އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މި ހިދުމަތް ގައުމީ މިންގަނޑުތަކަށް ފެތޭގޮތަށް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ހުޅުމާލޭގެ ހުރިހާ ފޭސްތަކެއްގައި ހިމެނޭ އިމާރާތްތަކާއި ވިނަރެސް ފްލެޓްސް ފަދަ ބޮޑެތި އިމާރާތްތަކުގެ އިތުރުން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ވެސް މި ހިދުމަތުގެ ތެރެއިން ބެލެހެއްޓޭނެއެވެ. މި މަސައްކަތް ކުރިއަށް ގެންދާއިރު ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.