މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދި ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ. ޝަމްއާން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މިދިޔަ މާޗް މަހު މަގާމުން ވަކިކޮށް ހައްޔަރުކުރި ޝަމްއާން ބަންދު މުރާޖައާކުރަން އެދުނު ނަމަވެސް، މިއަދުގެ އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު ދޫނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިން، ރިޝްވަތު ހިފުން އަދި ފޭރުމުގެ ދައުވާ ކުރެވިފައިވާއިރު، މިހާރު މައްސަލައިގައި ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި މައްސަލާގައި އިމިގްރޭޝަންގެ އެއް މުވައްޒަފަކަށް ކުރި ދައުވާއަށް އިއުތިރާފުވެ ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އިއްވި ދެ މަހުގެ ޖަލު ހުކުމް މިހާރު ވަނީ ތަންފީޒުވެ އެ މުވައްޒަފު މިނިވަންވެފައެވެ.
ކޮމެންޓު ފޮނުވާ