އިޒްރޭލުގެ ކެބިނެޓުން ފަލަސްތީނުގެ ވެސްޓް ބޭންކުގެ 19 ސަރަހައްދެއްގައި ވަޒަންވެރިކަން ގާއިމުކުރަން ނިންމުމުން ދިވެހި ދައުލަތުން އެކަން އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައިވާއިރު، ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ސަލާމަތީ ކައުންސިލްގެ ގަރާރުތަކާ އެއްގޮތަށް މިއީ ވަރަށް ބޮޑަށް ހިލާފުވާ ކަންތައްތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމަންޓުގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގަދަކަމުން ވަޒަންވެރިވެގަތުމަކީ އަދުލުވެރިކަމާއި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމުގެ ފުރުސަތުތަކަށް ހުރަސްއަޅާ ކަމެއް ކަމަށް ރާއްޖެއިން ދެކޭކަން ހާމަކޮށްފައެވެ. މީގެ ސަބަބުން 1967 ވަނަ އަހަރުގެ ކުރިން އޮތް ދެ ދައުލަތުގެ ހައްލާއި ފަލަސްތީނުގެ ވެރިރަށަކީ ޤުދުސްކަމުގައި އޮތް އޮތުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެ ހަމަނުޖެހުންތައް އިތުރުވާނެކަމަށް ބުނެފައިވެއެވެ.
ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގާނޫނީ އަދި އަޚްލާގީ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ރާއްޖެއިން ގޮވާލާފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ހުރިހާ އަމަލުތަކާއި ވަޒަންވެރިވުމުގެ ހުރިހާ ކަންކަން ހުއްޓާލުމަށް މަޖުބޫރުކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ރާއްޖެއިން ދެކޭކަން މި ސްޓޭޓްމަންޓުގައި ހާމަކޮށްފައިވާއިރު، މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކޮށްދިނުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް މަސައްކަތްކުރާނެކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ