ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) އަށް 10 މެނޭޖަރުންނާއި ފްރަންޓް އޮފީސް ދެ އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދަން އިއުލާންކޮށްފިއެވެ. އެ މަގާމުތަކަށް އެދި ހުށަހަޅަންޖެހޭނީ އަންނަ ހޯމަދުވަހުގެ ހަވީރު ފަހެއްޖެހުމުގެ ކުރިންނެވެ. މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާއާ ދެމެދުގައިކަމަށާއި، އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގައި ކަމަށް ބޭންކުން ބުނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އުފައްދާފައިވާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައެވެ. މިހާރު ކުރަމުންދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތްކަމަށާއި، ބޭންކުގެ ހިދުމަތް ދޭން ފަށާނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ