މަސްވެރިންނާ މިނިސްޓަރު ބައްދަލުކުރައްވައި ހައްލުތަކަށް އުންމީދު ދީފި

މަސްވެރިންނާ މިނިސްޓަރު ބައްދަލުކުރައްވައި ހައްލުތަކަށް އުންމީދު ދީފި

Author
އަހުމަދު
15 ޑިސެމްބަރ 2025 07:15
0

ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބޭއްވި ދިގު ބައްދަލުވުމުގައި ޑިމާންޑުތަކަށް އުންމީދީ ޖަވާބުތަކެއް ލިބުނު ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މިއަދު ބުނެފިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން ބީކޭއެމްޔޫއިން އަންނަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އިހުތިޖާޖު ކުރަމުންނެވެ. މިއަދު ޝިޔާމް ވަނީ ވެލާނާގޭގައި ބޮޑު ކަންނެލީގެ 20 މަސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ހެނދުނު 11:00 ގައި ފެށި މެދުކަނޑާލުމަށްފަހު އަލުން ފަށާ މެންދުރު 16:00 ހާއިރު ނިންމާލައްވައިފައެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވައި ބީކޭއެމްޔޫގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަހަށް ހައްލު ހޯދުމަށް މިނިސްޓަރު ކުއްލި ބައްދަލުވުމެއް ބާއްވަވަން ވަޑައިގަތުމުން ބައްދަލުވުން ނިންމަވައިލެއްވި ކަމަށެވެ. އޭނާ ވިދާޅުވީ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި މިވަގުތުން ހައްލުކުރެވޭ ކަންތައްތަކާއި ކުރިއަށް އޮތްތަނުގައި ހައްލުކުރާ ކަންތައްތައް ބައިވަރު ހުރި ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މަސްވެރިއަކު ބުނީ މިފްކޯއަށް މަސް ކިރުމާ ގުޅޭ ގޮތުން ވަރަށް ޕޮޒިޓިވް ޖަވާބެއް ލިބުނު ކަމަށެވެ. މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކޮށް އަދިވެސް ބަންދުގައި ތިބި ދެ ކެޔޮޅުން ދޫކޮށްލަންދެން މަސްވެރިންގެ އިހުތިޖާޖު ކުރިއަށް ދާނެ ކަމަށް ޔޫނިއަނުން ބުންޏެވެ.

މާލެ ނެރު ކައިރީގައި ކުރި އިހުތިޖާޖުން ހައްޔަރުކުރި މަސްވެރިންގެ ތެރޭގައި ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވެސް ހިމެނުނު ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.