މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ.
މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަނެއްގައި އަދި ތެލަކުންވެސް މި ބަދަލު އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މަސްކިރާ ހުރިހާ ފަރާތަކަށް އެވްރެޖްކޮށް 51 ލާރި އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާދަމާއިން ފެށިގެން މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ލިބޭނީ 13.90 ރުފިޔާއަށް އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް 13.72 ރުފިޔާއަށެވެ.
މިއީ އެސްޓީއޯއާއި މިފްކޯ އަދި އެފްއެސްއެމްއާ ގުޅިގެން ގެނައި ބަދަލެއްކަމަށާއި މިފްކޯއިން ސީދާ މަސްވެރިންނަށް ތެޔޮ ދޫކުރުމުގައި ދެވޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިދޭނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މިހާރު ދުވާފަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭން ފުރަތަމަ ފިއުލް ސްކިޑް ވަނީ ހުޅުވައިފައެވެ. އަންނަ އަހަރުގެ މާޗު މަސް ނިމެންވާއިރަށް ކޮންމެ އަތޮޅެއްގައި ފިއުލް ސްކިޑްތައް ގާއިމްކޮށް އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ