ކޮވިޑް-19 ރާއްޖޭގައި ކޮންޓްރޯލްކުރުމަށް ކުރީސަފުގައި ހަރަކާތްތެރިވާ މީހުނަށް ދޭން ސަރުކާރުން ކަނޑައެޅި ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 10,180 ހިދުމަތްތެރިއަކަށް 90.32 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.
ފްރަންޓްލައިން އެލަވަންސް ދޭން ސަރުކާރުން ނިންމާ އެކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މެއިމަހު އެވެ. އެގޮތުން މި އެލަވަންސް ދެމުންގެންދަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެންމެ ބޮޑަށް ބަލި މީހުންނާ ގާތުން މަސައްކަތްކުރަންޖެހޭ ހައި ރިސްކު މީހުންނަށް ދުވާލަކު 500 ރުފިޔާ، ދެވަނަ ގިންތި، މީޑިއަމް ރިސްކު މީހުނަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކު މީހުނަށް ދުވާލަކަށް 200 ރުފިޔާގެ އެލަވަންސެއް އަންނަނީ ދެމުންނެވެ.
ހައި ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި އެންމެ ގާތުން މަސައްކަތްކުރަން ޖެހޭ މީހުންނެވެ. މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ހިދުމަތް ދޭންނުޖެހޭ ނަމަވެސް، ހައި ރިސްކު މީހުންނާއެކު މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އަދި ލޯ ރިސްކު މީހުންނަކީ ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑީރަށްވުރެ އިތުރަށް މަސައްކަތްކުރާ މީހުންނެވެ.
ކޮވިޑް-19ގެ ސަބަބުން ސަރުކާރުން މިހާތަނަށް އެކިއެކި ކަންކަމަށް ތިން ބިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ