ޕެރިހުގައި ހުންނަ ރިޕޯޓާސް ވިތައުޓް ބޯޑާޒް (އާރްއެސްއެފް) އިން ނެރުނު އަހަރީ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، 2024 ވަނަ އަހަރު ދުނިޔޭގައި މެރި 67 ނޫސްވެރިންގެ ތެރެއިން 43 ޕަސެންޓަށް ޒިންމާވާން ޖެހެނީ އިޒްރޭލުންނެވެ. މި އަދަދަކީ މިދިޔަ އަހަރު މަރާލި 66 ނޫސްވެރިންނާ އަޅާބަލާއިރު މާބޮޑު ތަފާތެއް ނޫނަސް، ފަލަސްތީނުގެ ނޫސްވެރިންނަށް އިޒްރޭލުން އަމާޒުކުރަމުންދާ ގޮތް މި ރިޕޯޓުން ފާހަގަކުރެއެވެ.
މީޑިއާ ފްރީޑަމް ގްރޫޕުން ބުނީ ޣައްޒާގައި އެކަނި 29 ނޫސްވެރިން މަރާލާފައިވާ ކަމަށާއި އިޒްރޭލުން އޮކްޓޫބަރު 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެ ސަރަހައްދުގައި ގާތްގަނޑަކަށް 220 ނޫސްވެރިން މަރާލާފައިވާ ކަމަށެވެ. އިޒްރޭލު ސިފައިން ދަނީ ނޫސްވެރިންގެ "އެންމެ ބޮޑު ދުޝަމަނަށް" ވަމުން ކަމަށް އާރްއެސްއެފް އިން ބުނެފައިވެއެވެ.
އެންމެ ނުރައްކާތެރި އެއް ހަމަލާގެ ގޮތުގައި ރިޕޯޓުގައި ފާހަގަކުރެވިފައިވަނީ އޮގަސްޓް 25 ވަނަ ދުވަހު ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް ދިން "ޑަބަލް ޓެޕް" ހަމަލާއެވެ. އެ ހަމަލާގައި އެސޯސިއޭޓެޑް ޕްރެސް އާއި ރޮއިޓާސް ފަދަ އިންޓަނޭޝަނަލް ނިއުސް އެޖެންސީތަކުގެ ކޮންޓްރިބިއުޓަރުންނާ ހިމެނޭ ގޮތުން ފަސް ނޫސްވެރިން މަރުވިއެވެ.
އިޒްރޭލުން އޭއެފްޕީއަށް ދިން ޖަވާބުގައި ބުނީ ހަނގުރާމައެއްގެ މައިދާނުގައި އުޅޭއިރު ރިސްކު އޮންނާނެ ކަމަށާއި ގަސްތުގައި ނޫސްވެރިން މަރަނީ ނޫން ކަމަށެވެ. އަދި ބައެއް ނޫސްވެރިނަކީ ހަމާސްގެ މެންބަރުން ކަމަށް ވެސް އިޒްރޭލުން ވަނީ ތުހުމަތުކޮށްފައެވެ.
ކޮމެންޓު ފޮނުވާ