މާދަމާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު، ސުކޫލުތަކުގެ ސަރަހައްދުތަކުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު ނެގުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ޓްރެފިކް ޕޮލިހުންވަނީ މާދަމާ ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު، ސްކޫލުތަކަށްދާ ކުދިންނަށް ދަތިވާނެހެންނާއި، އަދި ޓްރެފިކް ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައިވާ އުޅަދުތައް މިއަދު އިރުއޮސި 18:00 ގެ ކުރިން ނަންގަވައި ދެއްވުމަށް ވަނީ ދަންނަވާފައެވެ. ޤަވާއިދާއި ޚިލާފަށް ޕާކްކޮށްފައިވާ އުޅަދުތަކުގެ ސަބަބުން ސްކޫލުތަކަށް ކުދިން ވަނުމަށާއި، ބެލެނެވެރިންނަށް ސްކޫލުތަކަށް ވަދެ ނިކުމެ ހެދުމަށް ވަރަށް ބޮޑު އުދަގޫތަކެއް މީގެ ކުރިންވެސް ކުރިމަތި ވެފައިވެއެވެ. މާލޭގެ ސްކޫލުތަކުގެ ކައިރީގައި ކުދިން ސްކޫލަށް ވައްނަ ގަޑީގައާއި، ނިމޭ ގަޑީގައި ޓްރެފިކް ޕޮލިހުން ސެކިއުރިޓީ ބަލަހައްޓަމުން ދެއެވެ.
2021 ޖެނުއަރީ 10 ވަނަ ދުވަހު ސްކޫލްތައް ފެށުމަށް ހަމަޖެހިފައިވާތީ، ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު 2021 ޖެނުއަރީ 9 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނަންގަވައި ދެއްވުން އެދެމެވެ. ޝުކުރިއްޔާ
— Traffic Police Mv (@TrafficPoliceMv) January 9, 2021
ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މާދަމާ ފަށާއިރު، މާދަމާ ބޭބީ ނާސަރީއާއި ނާސަރީގެ ކުދިންނަށްވެސް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކޫލްތަކަށް ދަރިވަރުން ނެރެގެން އަލުން ކިޔަވައިދޭން ފަށާއިރު ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަލުން ސްކޫލް ހުޅުވާއިރު ހަފްތާގެ ފަސްދުވަހު ސްކޫލްތަކުގައި ކިޔަވާދޭނެއެވެ. އަދި ސްކޫލްތަކުގައި ކިޔަވާދޭނީ އެންމެ ގިނަވަގެން 5 ގަޑިއިރަށެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކޮންމެ ދުވަހަކުވެސް ކިޔަވާދޭން ޖެހޭނީ 2 ގަޑިއިރަށްވުރެ މަދު ނުވާ ގޮތަށެވެ. އަދި ބޭބީ ނާސަރީއާއި ނާސަރީގެ ކިޔެވުން ގެންދާނެ ގޮތަށް އެ ސްކޫލަކުން ކަނޑައަޅަންޖެހެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގައި ކިޔަވާދޭއިރު ކޮންމެ ދުވަހަކުވެސް އެއް ގަޑއިރު ކުދިންގެ ހުން ބެލުމާއި އަތްދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރަންޖެހޭ ކަމަށެވެ. މިނސްޓްރީން ވިދާޅުވީ ކޮންމެ ކްލާހެއް އެންމެ ދިގުވެގެން ގެންދެވޭނީ 35 މިނިޓަށް ކަމަށެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ދެވަނަ ޓާމްގެ ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ. އެގޮތުން ރަށްރަށުގައިވެސް ކިޔެވުން ކުރިޔަށްދާނީ އެރަށެއްގެ އެވަގުތެއްގެ ސިއްޙީ ޙާލަތަށް ރިޢާޔަތް ކުރުމަށްފަހު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ