އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ދާއިމީ ޗެއާޕާސަން ހޮވުން އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށްފަހަށް ފަސްކުރުމަށް ނިންމައިފިއެވެ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މައްސަލައިގައި ކައުންސިލް އިންތިހާބުގައި ވޯޓުލާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. ޖަލްސާގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 58 މެންބަރަކު އެ ހުށަހެޅުމަށް ވޯޓު ދީފައިވެއެވެ.
މި ނިންމުން ނެގުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މެދުކެނޑުމެއް ނެތި ވަގުތު ހުސްކުރުމުގެ ބޭނުމުގައެވެ. ރޭގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިހާބުކުރެވުނީ 66 ވޯޓުގެ ތެރެއިން 65 ވޯޓުންނެވެ. ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލް ވަނީ ޣަފޫރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 28 ގައި ވެސް ވަގުތީ ޗެއާޕާސަން ހޮވުމަށް ޖަލްސާއެއް ބޭއްވިއިރު، ރައީސް ނަޝީދުގެ ފެކްޝަންގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދަށް ނަން ފާސްކުރުމަށް ބޭނުންވި 48 ވޯޓުގެ ބަދަލުގައި 47 ވޯޓު ލިބި، މަސްލަހަތު ގޯސްވުމާ އެކު އެ ޖަލްސާ ވަނީ ކަންބޮޑުވުންތަކާއެކު ނިމިފައެވެ.
ކޮމެންޓު ފޮނުވާ