ރައްޔިތުން ގަލޯހާޖާ ކުރަން ރައީސް ނަޝީދުގެ ހުއްދަ ނަގަންޖެހޭ ކަމެއް ނުދެނަހުރިން: ޝިޔާމް

ރައްޔިތުން ގަލޯހާޖާ ކުރަން ރައީސް ނަޝީދުގެ ހުއްދަ ނަގަންޖެހޭ ކަމެއް ނުދެނަހުރިން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 11:52
0

ދިވެހި ރައްޔިތުން ގަލޯހާޖާ ކުރަންވީމާ ރައީސް ނަޝީދުގެ ހުއްދަ ނަގަންޖެހޭ ކަމެއް ނޭގޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމްގެ ރައްދެއް ރައީސް ނަޝީދަށް ދެއްވައިފިއެވެ.

އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ.އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހަޅުއްވައިފައިވާ މައްސަލާގައި ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުން ކުރަންޖެހޭ ކަންކަން ރައީސް ނަޝީދުގެ ހުއްދަ ނަގަން ނުޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމިދިޔަ ގޮތާއިމެދު އަމިއްލަ ފުޅަށް ސުވާލު އުފައްދައި، ބަދަލު ހިފުމުގެ ރޫހު އިސްކޮށް، ހަޔާތް ހޭދަ ކުރައްވާއިރު، ވެރިކަން ނިމިދިޔައީ ތިމަން މަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިގެންކަން ހަދާންކޮށްލުން މާ ރަނގަޅު ވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. ބަދަލު ހިފުމާއި، ރައްޔިތުންނަށް ތަކުލީފު ޖެއްސުމުގެ ބަދަލުގައި މިއަދު ވެރިކަމުގައި އޮވެ ކުރަންވީ ކަމަކީ މިޤައުމު އާރާސްތުކޮށް ޤައުމަށް ތަރައްޤީ ގެނައުމަށް ރައީސް ޔާމީން މިނިވަން ކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ގަލޯހާޖާ ކުރަންވީމާ ރައީސް ނަޝީދުގެ ހުއްދަ ނަގަންޖެހޭ ކަމެއް ނުދެނަހުރިން. އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލު ހިތްޕެވުމުގެ ރޫހުގައި ހަޔާތެއް ތިޔަ ހޭދަކުރައްވަނީ. ރައީސް ޔާމީން މިނިވަން ކުރައްވައި ޤައުމު އާރާސްތު ކުރައްވަން ފައްޓަވާ.

– ޝިޔާމް ވިދާޅުވިއެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފްވެރި ކަމާއިއެކު ރިޓަޔާ ކުރައްވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން މަޖިލިސް ރައީސް ވަނީ ފުލުހުންގެ އާ ޤާނޫނު އެކުލަވާލައި ތަސްދީޤު ކުރައްވާފައި ވަނިކޮށް، ޤާނޫނަށް އަމަލު ކުރައްވަން ނުފައްޓަނީވެސް އިތިއުފާ ނުދެއްވޭނެކަމަށް ވިދާޅުވެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. ރައީސް ނަޝީދު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ފުލުހުންގެ ވަޒީފާއިން ދެން ރިޓަޔާ ކުރައްވާނަމަ ރިޓަޔާ ކުރައްވަން ޖެހޭނީ އާ ޤާނޫނުގެ ދަށުންނެވެ.

ފައިރޫޝްވަނީ ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް މީގެ 6 މަސް ކުރިން ސިޓީ ހުށަހަޅާފައެވެ. ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ފައިރޫޝް މިހާރު ވަނީ އޮސްޓްރޭލިއާ އަށް ވަޑައިގެންފައެވެ. އަދި އޭނާ ގެންދަވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއްގައި ލެކްޗަރާއެއްގެ ވަޒީފާ އަދާ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.