އައްޑޫ ސިޓީ މަރަދޫފޭދޫގެ ނަން މަޝްހޫރު، ގައުމީ ހިދުމަތުގައި އުމުރުފުޅު ހޭދަކުރެއްވި ޢަލީ ރިޒާ (ރިޒާބެ) 71 އަހަރުގައި ނިޔާވެއްޖެއެވެ. ރިޒާބެ ނިޔާވެފައިވާކަން އާއިލާއަށް އެނގުނީ އިއްޔެ ހެނދުނު އެބޭފުޅާ ނުހޭލައި ކަންބޮޑުވެ ބަލާލިއިރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާބެ ފަތިހާއި ހޭލައިގެން ފަތިސް ނަމާދުކޮށްލައިގެން، ގޯތިތެރެ ކުނި ކަހާލައި، ބޭރަށް ގޮސް ގާޑިއަލަކުން އެއްޗެއް ބޯލައިގެން ގެޔަށް އައިސްފައިވެއެވެ. ނަމަވެސް އޭގެ ފަހުން ގޭމީހުން ގުޅާއިރު ފޯނެއް ނުނަގާ ކޮޓަރި ތަޅުލާފައި ހުރުމުން ދޮރު ހުޅުވިއިރު އެބޭފުޅާ ނިޔާވެފައި އޮތީ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އެއްވެސް ބަލިހާލެއްގައި އުޅުއްވަމުން ގެންދަވާކަމަކަށް ނުވެއެވެ.
ރިޒާބެއަކީ ވަރަށް ހީވާގި އަދި ރަށުގެ އިޖްތިމާއީ ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އަތޮޅުވެރިންގެ ޒަމާނުއްސުރެ ކަތީބުކަމާއެކު ސަރުކާރުގެ އެކި ވަޒީފާތަކުގައި ހިދުމަތް ކުރައްވައި، އެސްޓީއޯގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވިއެވެ. މީގެ އިތުރުން 1994 ވަނަ އަހަރު ރިލީޒް ކުރި މަގުބޫލު ފިލްމު "ކުލުނު" ގައި ވެސް އެބޭފުޅާ މަސައްކަތް ކުރެއްވިއެވެ.
ރިޒާބެގެ ވަކިވުމާއެކު މަރަދޫފޭދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އޭނާ ދަންނަ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުން އަންނައިރު، ގައުމީ ރޫޙުގައި ހަރުދަނާކަމާއެކު ދިވެހި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ލޮބުވެތި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ރިޒާބެގެ ވަކިވުން ދިވެހި ގައުމަށާއި ހާއްސަކޮށް އައްޑޫ ސިޓީއަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ