އަދާލަތު ޕާޓީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ލިސްޓުން ފުރަތަމަ ފަހަރަށް އުނިވެއްޖެ

އަދާލަތު ޕާޓީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ލިސްޓުން ފުރަތަމަ ފަހަރަށް އުނިވެއްޖެ

Author
އަހުމަދު
06 ޑިސެމްބަރ 2025 02:28
0

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރަމުން އައި އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށްވުރެ ދަށްވުމާ ގުޅިގެން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އެ ޕާޓީގެ ނަން ފުރަތަމަ ފަހަރަށް އުނިވިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު އަދާލަތު ޕާޓީގައި ތިބީ 8،844 މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓު ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހޭއިރު، އެ ފައިސާ ލިބެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ އީސީގައި ރަޖިސްޓަރީ ކުރެވިފައިވާ ހަތަރު ޕާޓީއެއްގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެ ޕާޓީތަކަކީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއެވެ.

މިވަގުތު ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައި ކަމަށްވާއިރު، އެއީ 68،665 މެންބަރުންނެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައި ކަމަށްވާއިރު، އެ ޕާޓީގައި 43،765 މެންބަރުން ތިބިއެވެ. ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން ތިބިއިރު، އެމްޑީއޭގައި 10،300 މެންބަރުން ތިބިކަމަށް އީސީގެ ރަސްމީ ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.