މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނާ މެދު ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ބޮޑު ނެޓްވޯކެއްގެ އިސް ފަރާތްތައް ހައްޔަރުކުރުމާ ގުޅިގެންނެވެ. މި ނެޓްވޯކުން 2017 ވަނަ އަހަރުން ފެށިގެން މި ވިޔަފާރި ހިންގަމުން އައިސްފައިވާއިރު، ފާއިތުވި ފަސް އަހަރު ތެރޭ އެ ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާކަން ތަހުގީގުން ވަނީ ހާމަވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ހިންގާ މި ޚާއްޞަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން އަމާޒުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ފުލުހުންގެ ތަހުގީގު މީހަކާ ހިސާބަށް ފޯރުމުން އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނޯންނާނެކަމަށް ވެސް ވަޒީރު ވަނީ އިންޒާރު ދެއްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވަނީ މަސްތުވާތަކެތީގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް ފާސްކޮށްފައެވެ. އެ އިސްލާޙުގެ ދަށުން ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންދެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އެ މީހަކު މަރުވަންދެން ޖަލުގައި ބެހެއްޓޭނެ ކަމަށް ޤާނޫނުގައި ވެއެވެ. އަދި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފި ނަމަ ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ ކަމާއި އަދަބު ލުއިކޮށް މައާފެއް ވެސް ނުދެވޭނެއެވެ.
ކޮމެންޓު ފޮނުވާ