ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވިއެވެ.
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އިއްޔެއެވެ.
އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ. ޤައުމުތަކަށް ސަފީރުން ޢައްޔަންކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
އަޙްމަދު މަޚްލޫފްގެ އިތުރުން، އުރުދުންއާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައެވެ. މި ސަރުކާރުން ވަނީ، މިހާތަނަށް 27 ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ