ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި

Author
އަހުމަދު
01 ޑިސެމްބަރ 2025 11:39
0

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ވިޔަފާރިވެރިޔާ ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް މިރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އައި ސަނީ ހައްޔަރުކުރީ ސްރީ ލަންކާއަށް ފުރަން އޮތް ފްލައިޓަށް އަރައި އިންދައެވެ. މި މައްސަލަ ފެންމަތިވުމާއެކު އޭނާ މިދިޔަ ހަފުތާގައި ރާއްޖެއިން ބޭރަށް ގޮސް، މިއަދު އެނބުރި އައުމުން ފުލުހުން ސުވާލު ކުރުމަށްފަހު ދޫކޮށްލީއެވެ. ނަމަވެސް އަނެއްކާވެސް ފިލަން އުޅުމުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީއެވެ.

އާއިލާއެއްގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ސަނީ ވަނީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެ އާއިލާގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ބައެއް ކުދިންނަށް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ.

ސަނީ އުމަރަކީ ދަ ޓްރެވެލް ގައިސް، މޯލްޑިވްސް ހަލާލް ޓްރެވަލް، އަދި ކަވި ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތައް އުފެއްދި އެއް ހިއްސާދާރެވެ. ޓްރެވެލް ގައިސް އިން ވަނީ ސަނީގެ ހިއްސާ އަތުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

ޔުނިސެފްގެ ދިރާސާތައް ދައްކާ ގޮތުން ރާއްޖޭގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ހަޔާތުގައި މަދުވެގެން އެއް ފަހަރު ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.