ޓުވިޓަރއިން ވަނީ އެކުންފުނިން ކުރިން ދީފައިވާ އިންޒާރާ އެއްގޮތަށް، ދާއިމީކޮށް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ސަސްޕެންޑް ކޮށްފަ

ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު ދާއިމީކޮށް ސަސްޕެންޑް ކޮށްފި

ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު ދާއިމީކޮށް ސަސްޕެންޑް ކޮށްފި

ގުޅުންހުރި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުން ބޭނުންކޮށްގެން އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ރިސްކު އޮތުމާގުޅިގެން، އެ ޓުވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވާކަން ޓުވިޓަރއިން ހާމަ ކޮށްފިއެވެ.

"އެންމެ ފަހުން @realDonaldTrump ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓުތައް ވަރަށް ރަގަޅަށް ރިވިވް ކުރުމަށްފަހު، އަދި އެ ޓުވިޓަރ އެކައުންޓާ ގުޅުންހުރި އެހެނިހެން ކަންކަމަށްވެސް ބެލުމަށްފަހު، ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ރިސްކު އޮތުމާގުޅިގެން، އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކުރުމަށް ނިންމައިފިން،" ޓުވިޓަރ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

"މި ހަފްތާގައި ހިގާފައިވާ ނުރައްކާތެރި، ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން، މިހަފްތާގެ ބުދަދުވަހު މިކުންފުނިން ވާނީ، ޓުވިޓަރއިން އާންމު ކޮށްފައިވާ އަޚްލާގީ މިންގަޑުތަކާ އިތުރަށް ޚިލާފުވެއްޖެނަމަ މި އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފަ. މި ކުންފުނީގެ އާންމު މަސްލަހަތަކީ، މިކުންފުނީގެ ސޯޝަލް މިޑިއާ ޕްލެޓްފޯމު ބޭނުންކޮށްގެ، ގައުމުތަކުގެ ލީޑަރުންނާއި އަދި އިންތިޚާބީ އޮފިޝަލުން ސީދާ ގޮތެއްގައި އާންމު ރައްޔިތުންނާ ގުޅުވާދިނުން. އަދި މި ޕްލެޓްފޯމު އުފެދިފަައި ވަނީ، އާންމު ރައްޔިތުންނަށް އެ ރައްޔިތުން ނިސްބަތްވާ ލީޑަރުން ޒިންމާދާރު ކުރެވޭނޭ އުސޫލުގެމަތިން،" ޓުވިޓަރއިން ނެރުނު ބަޔާނުގައި ލިޔެފައި ވެއެވެ.

ޓުވިޓަރއިން ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ޓުވިޓަރއިން ޖެނުއަރީ 8 ވަނަ ދުވަހު ކޮށްފައިވާ 2 ޓުވީޓެއްވަނ،ީ ހަމަނުޖެހުން އުފެއްދުމާ ދެކޮޅަށް އެކުންފުނިން އެކުލަވާލާފައިވާ މިންގަޑުތަކާ ޚިލާފްވެފައެވެ.

ޓުވިޓަރއިން ބުނެފައިވާ ގޮތުގައި، އެކުންފުނިން އާންމުކޮށްފައިވާ، ހަމަނުޖެހުން އުފެއްދުމާ ދެކޮޅު ސިޔާސަތުތަކާ ޚިލާފަށް ޓްރަމްޕް ކޮށްފައިވާ އެއް ޓުވީޓަކީ "“75,000,000 great American Patriots who voted for me, AMERICA FIRST, and MAKE AMERICA GREAT AGAIN, will have a GIANT VOICE long into the future. They will not be disrespected or treated unfairly in any way, shape or form!!!” މި ޓުވީޓެވެ.

މި ޓުވީޓުގައި ޓްރަމްޕް ލިޔުއްވާފައިވަނީ، "އެންމެ ފުރަތަމަ އެމެރިކާ" އަދި "އެމެރިކާއަށް އަލުން އާދިރުމެއް" ސިޔާސަތަށް، އޭނާއަށް ވޯޓުދިން 75 މިލިއަން ރައްޔިތުން (ބަތަލުން)ގެ އަޑު އެމެރިކާގެ މުސްތަގުބަލަށް ދެމިގެންދާނެ ކަމަށެވެ. އަދި އެމީހުންގެ ނިންމުމާމެދު އެއްވެސް ހައިސިއްޔަތަކުން ބޭއިންސާފު ނުކުރުވޭނެ ކަމަށްވެސް ޓްރަމްޕްގެ މި ޓުވީޓުގައި އޭނާ ލިޔުއްވާފައި ވެއެވެ.

ޓުވިޓަރއިން ބުނެފައިވަނީ، އެ ކުންފުނީ އެސެސްމަންޓުން ދައްކާ ގޮތުގައި، ޓްރަމްޕްގެ މިޓުވީޓުން ދޭހަވަނީ "އަދިވެސް ސުލްހަވެރި އިންތިގާލީ އިންތިޒާމަށްކަށް ފުރުސަތު ދިނުމުގެ ޝައުގުވެރިކަމެއް ޓަރަމްޕްގެ ކިބައިގައި ނެތްކަން ކަމުގައާއި، އަދިވެސް ޓްރަމްޕް ބޭނުންވަނީ، އިންތިޚާބުގައި އޭނާއަށް ކާމިޔާބު ލިބިއްޖެކަމަށް ގަބޫލކުުރާ ބަޔަކަށް ހިތްވަރުދީ، އެމީހުން ކުރިޔަށް ނެރުމަށް" ކަމުގައެވެ.

ޖެނުއަރީ 8 ވަނަދުވަހު ޓްރަމްޕް ކޮށްފައި އެހެން ޓުވީޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، “To all of those who have asked, I will not be going to the Inauguration on January 20th.”މި ހެންނެވެ.

މި ޓުވީޓުގައި، ޖޯބައިޑްން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެކަން، އެކަމުގެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ޓްރަމްޕް ދެއްވާކަމަށް ލިޔުއްވާފައި ވެއެވެ.

މި ޓުވީޓާ ގުޅޭގޮތުން ޓުވިޓަރއިން ބުނެފައިވަނީ "ބައިޑްން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓުން، ޓްރަމްޕަށް ތާއީދުކުރާ މީހުންނަށް އޭނާ އަދިވެސް ހުންނެވީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައިގެން ނޫންކަމުގެ މެސެޖް ވަރަށް ރަގަޅަށް ފޯރުކޮށްދީފައި" ވާކަމަށާއި، އަދި މީގެ އިތުރުން "މި ޓުވީޓުގެ ސަބަބުން، ބައިޑްން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައި ނުގަންނަވާތީ، މިރަސް މިއްޔާތަކީ، ހަމަނުޖެހުން އުފެއްދުމަށް ބޭނުންވާ ފަރާތްތަކުގެ އަމާޒަކަށް ހަދައިގެން ހަމަނުޖެހުން އުފެއްދުމަށް ފުރުސަތު އިތުރަށް ތަނަވަސްވެގެން ދާކަމަށާއި އަދި އެކަމަށް ހިތްވަރު ލިބިގެންދާ" ކަމުގައެވެ.

ޓުވިޓަރއިން ވަނީ، އެމެރިކާގެ ކެޕިޓަލް ހިލްއަށް ޓަރަމްޕްގެ ސަޕޯޓަރުން ދިން ހަމަލާތަކަށް، އަމިއްލަ ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން ހިތްވަރު ދެއްވައި ކުރެއްވި 2 ޓުވީޓަކާ ގުޅިގެން 12 ގަޑިއިރަށް، އެހަމަނުޖެހުން ހިގި ދުވަހު ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ލޮކް ކޮށްފައެވެ. އަދި އެދުވަހު ޓުވިޓަރއިންވަނީ އެކުންފުނީގެ ޕޮލިސީތަކާ ޚިލާފަށް އިތުރަށް ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން ޓުވީޓް ކޮށްފިނަމަ، އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅޭގޮތުން ވައިޓްހައުސްއިން މިހާތަނަށް އަދި އެއްވެސް ކޮމެންޓެއް ކޮށްފައި ނުވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ ދައުރުގައި މިހާތަނަށް ރަސްމީ އަދި ނުރަސްމީ ޓުވީޓުތައްވެސް ކުރެއްވުމުގައިވެސް ބޭނުން ކުރައްވާފައިވަނީ އަމިއްލަފުޅު ޓުވިޓަރ އެކައުންޓް realDonaldTrump@ އެވެ. މި އެކައުޓް 88.9 މިލިއަން މީހުން ފޮލޯ ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ