ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރުން މިނިސްޓްރީން ނެގީ ކައުންސިލުން އެއްބާރުލުން ނުދިނުމުން

ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރުން މިނިސްޓްރީން ނެގީ ކައުންސިލުން އެއްބާރުލުން ނުދިނުމުން

Author
ޙަސަން މުޙައްމަދު
28 ނޮވެމްބަރ 2025 09:46
0

ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ 100 ހައުސިން ޔުނިޓު ދޫކުރުމުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމާ ގުޅިގެން އެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ކުރީ ސަރުކާރުން މި ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ތުޅާދޫ ކައުންސިލާ އެވެ. ނަމަވެސް ޔުނިޓުތައް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހި ރައްޔިތުން ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ އިސްލާހުތައް ބާތިލުކޮށް ކުރީގެ އުސޫލަށް އަމަލުކުރަން ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމާ އެއްގޮތަށް ފޯމުތައް އަލުން އިވެލުއޭޓްކުރަން މިނިސްޓްރީން އެންގި ނަމަވެސް ކައުންސިލުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޔުނިޓުތައް ބޭނުންނުކޮށް ގިނަ ދުވަސްވެ އިމާރާތްތައް ހަލާކުވުމުގެ ބިރު އޮތް ކަމަށާއި، އެއީ ދައުލަތަށް ލިބޭ އިއާދަނުކުރެވޭ ފަދަ ގެއްލުމެއް ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ. އެހެންވެ ދެން މި މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީން އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރާ އާ އުސޫލެއްގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ޔުނިޓުތައް 79.6 މިލިއަން ރުފިޔާ އަށް އިމާރާތްކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އިންނެވެ. ކޮންމެ ޔުނިޓެއްގައި 1،100 އަކަފޫޓު ހުންނައިރު، ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.