ހޮންކޮންގުގެ ހައި ރައިޒް ޓަވަރުތަކެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 44 މީހަކު މަރުވެއްޖެ

ހޮންކޮންގުގެ ހައި ރައިޒް ޓަވަރުތަކެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 44 މީހަކު މަރުވެއްޖެ

Author
ހުސައިން
27 ނޮވެމްބަރ 2025 09:17
1

ހޮންކޮންގުގެ އުތުރުބިތުގެ ތައި ޕޯ ޑިސްޓްރިކްޓުގައި އިއްޔެ މެންދުރު ފަހު އާންމު ދިރިއުޅުމަށް ހަދާފައި ހުރި ޓަވަރުތަކެއްގައި ރޯވެ ހިނގި ބޮޑު އަލިފާންގަނޑުގައި 44 މީހަކު މަރުވެ، 300 މީހަކު ގެއްލިފައިވާ ކަމަށް އިދާރާތަކުން ހާމަކޮށްފައިވެއެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން 45 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ބުނެފައިވެއެވެ.

1983 ވަނަ އަހަރު އިމާރާތްކޮށްފައިވާ 'ވޭންގް ފުކް ކޯޓު' ގެ ނަމުގައި ނަން ދީފައިވާ މި އެޕާޓްމަންޓް ކޮމްޕްލެކްސްގައި 30 ބުރީގެ 8 ޓަވަރު ހިމެނެއެވެ. އެތަނުގައި 1984 އެޕާޓްމަންޓާއި 4600 ފްލެޓް ހުންނައިރު، އެތަން އިމާރާތް ކޮށްފައިވަނީ ގާތްގަނޑަކަށް 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށެވެ. އަލިފާން ރޯވީ މަރާމާތަށްޓަކައި ހުސްކޮށްފައި ހުރި އިމާރާތެއްގައި ކަމަށާއި، ބައެއް ޓަވަރުތައް ހުރީ މަރާމާތު މަސައްކަތް ކުރިއަށްދާތީ ހުސްކޮށްފައި ކަމަށް އިދާރާތަކުން ބުނެފައިވެއެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި އިމާރާތް ވަށާ އޮނުދަނޑިން ގިއުގަނޑު ހަދާ ބަންދުކޮށްފައިހުރި ތަނެއްގައި އަލިފާން ރޯވެ، އޮނުދަނޑީގެ ގިއުގަނޑުގައި ފެތުރިގެން ހުރިހާ އިމާރާތްތަކެއްގައި އަރިފާން ރޯވީއެވެ. މަރާމާތަށް އެއްކޮށްފައި ހުރި ބައެއް ސާމާނު ބަހައްޓާފައި ހުރީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތަކަށް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި 750 އަށް ވުރެ ގިނަ ފަޔާފައިޓަރުން ހަރަކާތްތެރިވަމުންދާއިރު، މިވަގުތާ ހަމައަށްވެސް ބައެއް އިމާރާތްތަކުން އަލިފާން އެއްކޮށް ނިވިފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ. މި ހާދިސާގެ ބޮޑު ތަހުގީގެއް އިދާރާތަކުން ކުރިއަށް ގެންދާކަން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.