ޞާލިޙާއި ނަޝީދުގެ ދެބަސްވުމަކީ އާއިލީ އަރައިރުމެއް ނޫން: ފަޒްނާ

ޞާލިޙާއި ނަޝީދުގެ ދެބަސްވުމަކީ އާއިލީ އަރައިރުމެއް ނޫން: ފަޒްނާ

Author
ހުސެއިން
25 ނޮވެމްބަރ 2025 10:56
0

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސީ ދެބަސްވުންތަކަކީ "އާއިލީ އަރައިރުމެއް" ގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާ ގުޅޭ ގޮތުން މިއަދު ފޭސްބުކްގައި ފަޒްނާ ލިޔުއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ އެ ޕާޓީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ވިސްނަން ޖެހޭ ކަމަށާއި، ދެ ބޭފުޅުންގެ ދެބަސްވުމަކީ އާއިލީ އަރައިރުމެއް ކަމަށް ބުނުމަކީ އެފަދަ ވިސްނުމަށް އެޅޭ ހުރަހެއް ކަމަށެވެ. ގިނަ އަހަރުތަކެއް ވަންދެން ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވުމަށް ފަހު، މަދަރުސާގެ ދުވަސްކޮޅު ފެށިގެން ރާއްޖެއާއި ދުނިޔޭގެ ތާރީޚާއި ސިޔާސީ ކަންކަމާއި ނޫސްވެރިކަމާއި ކުޅިވަރަށް އެއް ހަމައިން ޝައުގުވެރިވެވަޑައިގަންނަވާ ދެ ބޭފުޅުންނަކީ އެކުގައި ގިނަ ކަންކަން ކާމިޔާބުކުރެއްވި ބޭފުޅުން ކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.

ފަޒްނާ ލިޔުއްވިގޮތުގައި މުހިންމީ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި އިށީނދެ، އެމްޑީޕީއާއި ޕާޓީގެ އިސްވެރިންގެ މެދުގައި ހުރި އުނިސިފަތަކުގެ ވާހަކަތައް ކެރިގެން ދައްކައި މައްސަލަތައް ހައްލުކުރުމެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް އާދިއްތަ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ ތެރޭގައި ޞާލިޙާއި މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ނަޝީދުގެ ވާދަވެރިކަން އަނެއްކާ ވެސް ވަނީ ބޮޑުވާން ފަށައިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.