ރިޔާސީ އިންތިޚާބު ޚަރާބުވީ ސޯލިހާއި އެ މަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންގެ ސަބަބުން: ނަޝީދު

ރިޔާސީ އިންތިޚާބު ޚަރާބުވީ ސޯލިހާއި އެ މަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންގެ ސަބަބުން: ނަޝީދު

Author
ހުސައިން
25 ނޮވެމްބަރ 2025 01:41
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގައި ފުރުސަތު ދިނުމަށް، އެ މަނިކުފާނާ ދެކޮޅަށް ކުރިމަތި ނުލައްވައި ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ހަރާބުވީ ސޯލިހާއި އެ މަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މި ވާހަކަތައް ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ އިސްތިއުފާ ސިޓީގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވައި އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖްގައި ނަޝީދު ފުރަތަމަ ވިދާޅުވީ، ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު 2023 އާއި މަޖިލިސް އިންތިހާބު 2024 ގެއްލުނު ގޮތް ސާފުކޮށްދެއްވާފައިވާތީ އޭނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެއާ އެކު ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ކުރިމަތިނުލައި ރައީސް ސޯލިހަށް ފުރުސަތު ދިނުމަށް ދެ ފަހަރު މަސައްކަތް ކުރި ކަމަށެވެ. "ރައީސް ސޯލިހްގެ ބައެއް އަރިސް ބޭފުޅުން އަދި ރައީސް ސޯލިހަށް ވެސް އެގޮތް ކަމުނުގޮސް، އަޅުގަނޑުމެން ނުލާ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މާ ބޮޑަށް ދެކެވި، މުޅިކަން ހަރާބުވީ،" ސޯލިހާ ވާދަކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވި ނަޝީދުގެ މެސެޖްގައި ލިޔުއްވިއެވެ.

ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުވި ނަމަވެސް، ނަޝީދު އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ތާއީދެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހެއްދެވިއެވެ. އަދި އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކުން ވެސް ނެރުނެވެ. ސޯލިހަށް ދެވަނަ ދައުރެއް ނުލިބުމުގެ އެންމެ ބޮޑު ބާރަކަށްވި އެއް ސަބަބަކަށް ބަލާއިރު، ނަޝީދުގެ ތާއީދު އެ މަނިކުފާނަށް ނުލިބި އެމްޑީޕީ ދެފަޅިވުމެވެ. ނަމަވެސް ނަޝީދު މިހާރު އަނެއްކާވެސް އަލުން އަނބުރާ އެމްޑީޕީއާ ވަނީ ގުޅި ވަޑައިގެންފައެވެ.

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ނަޝީދާއި ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑު ހައްލުކުރަން ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ބައެއް ކަންކަން އޭނާ ވަނީ ހިމަނުއްވާފައެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން އެ މަނިކުފާނުގެ ޓީމާ އެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާ އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް ފައްޔާޒު ސިޓީގައި ބަޔާންކުރައްވައިފައިވެއެވެ.

ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވި އެ މަޝްވަރާތައް އޭރު މަޑުޖެހުނު ކަމަށާއި އަނެއްކާވެސް ސޯލިހްގެ އެދިވަޑައިގަތުމަށް މަޝްވަރާތައް ފަށައި އެއްބަސްވުމަކަށް އާދެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. "އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދުއާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށެވެ،" ފައްޔާޒުގެ އިސްތިއުފާ ސިޓީގައި އޭނާ ލިޔުއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.