މިމަހު 119 ސްކޭމް މައްސަލައެއް، މިލިއަނަކަށްވުރެ ގިނަ ފައިސާ ގެއްލިފައި

މިމަހު 119 ސްކޭމް މައްސަލައެއް، މިލިއަނަކަށްވުރެ ގިނަ ފައިސާ ގެއްލިފައި

Author
ހުސައިން
23 ނޮވެމްބަރ 2025 04:19
0

ނޮވެމްބަރު މަހުގެ ފުރަތަމަ 22 ދުވަހުގެ ތެރޭގައި ސްކޭމްގެ 119 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސްގެ ނަމުގައި ހިންގި ސްކޭމްތަކަށް ވާއިރު، އެފަދަ މައްސަލަ 61 އެއް ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން ފޯނުން ގުޅައިގެން ހިންގި ސްކޭމް 26 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް 13 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ. އިންވެސްޓްމަންޓް ސްކޭމް ދެ މައްސަލައާއި، ފިޝިން ސްކޭމް އެއް މައްސަލައާއި، އެހެނިހެން ބާވަތުގެ 14 މައްސަލައެއްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ސްކޭމް ކުރުމުގައި އެންމެ ގިނައިން ބޭނުންކުރަނީ ފޭސްބުކް، ވައިބަރ، ޓެލެގެރާމް އަދި ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތަކެވެ. ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ސްކޭމް ސެންޓަރުން ރައްޔިތުންނަށް އަބަދުވެސް އިރުޝާދު ދެމުން ގެންދާއިރު، ސާފު ނުވާ ލިންކްތަކަށް ނުފިއްތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށް ދަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރަމުންނެވެ. ދަންނަ މީހުންގެ ފަރާތުން އައި މެސެޖްތަކަށްވެސް ސަމާލުވުމަށާއި، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.