ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރެއްވި ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން އެއް މިލިޔަން ގަސް އެއްކޮށް އިންދާ ނިންމާލެވޭނެ ކަމަށް ޓުއަރިޒަމް އެންޑް އެންވައިރަންމެންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 819،000 ގަސް އިންދާފައިވާ ކަމަށެވެ.
ޕްރޮގްރާމް ފެށުނު ވަގުތު ނާސަރީތައް ނެތުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު ލ. ގަމުގައި 20،000 އަދި 100،000 އަކަފޫޓުގެ ދެ ނާސަރީ ތަރައްޤީކުރުމަށް އެޗްޑީސީއާ އެކު އެއްބަސްވެފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޗައިނާގެ ހިލޭ އެހީގެ ދަށުން 55،000 އަކަފޫޓުގެ ނާސަރީއެއް އެޅުމުގެ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް އިންދާފައިވާއިރު، ރިސޯޓްތަކުންވެސް 1.4 މިލިޔަން ގަސް އިންދާނެ ކަމަށް ވައުދުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 2028 ވަނަ އަހަރު އަންނަންވާއިރަށް ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކުރާނެ ކަމަށް މިނިސްޓަރު ޔަޤީންކަން ދެއްވިއެވެ.
ކޮމެންޓު ފޮނުވާ