ދެން ދާނީ ޑްރަގްގެ ބޮޑުންގެ ފަހަތުން: ހޯމް މިނިސްޓަރު

ދެން ދާނީ ޑްރަގްގެ ބޮޑުންގެ ފަހަތުން: ހޯމް މިނިސްޓަރު

Author
ހުސައިން
23 ނޮވެމްބަރ 2025 10:55
0

މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ބޮޑު ބަދަލެއް އަންނަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކުދިކުދި ވިއްކާ މީހުން ހައްޔަރުކޮށް ޖަލަށްލާ ޒަމާނު ފާއިތުވެ، މިހާރު ދަނީ ރާއްޖެއަށް ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ ބޮޮޑުންގެ ފަހަތުން ދިއުމަށް ތައްޔާރުވަމުންކަމަށެވެ.

ވަޒީރު ވިދާޅުވީ، އަމާޒު ހިފާނީ މޭޖަރ އިމްޕޯޓަރުންނާއި ސަޕްލަޔަރުން ފަދަ މި ލައިންގެ ކޮޅުގައި ތިބި މީހުންގެ ގައިގަ ކަމަށެވެ. މިހެން ކުރުމަށް މީހުން ދެމިގަންނަން ބޭނުންކުރާ ލޫޕްހޯލްތައް ބަންދުކޮށް، ގާނޫނަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެސްފައިވާކަން އިހުސާން ފާހަގަކުރެއްވިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާ ގާތުން މަސައްކަތްކޮށް، ތަހުގީގުތައް ހަރުދަނާކުރުމަށް ރިވިއު ކޮމިޓީތައް ވެސް ހަދާފައިވާކަން ވަޒީރު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ހެކިތަކަށް ނުފޫޒު ފޯރުވައި ތަހުގީގުތަކަށް ހުރަސް އަޅަމުންދާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، މިފަދަ ހުރަސްތައް ގިރާކޮށް ހަގީގީ ކުށްވެރިންގެ ފަހަތުން ދިއުމުގެ އަމާޒު އާވެފައިވާކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ އިސްނަގެވުމުގެ ދަށުން ކްރިމިނަލް ކޯޓަށް 12 ކޯޓްރޫމް ހިމެނޭ އާ އިމާރާތެއް ލިބިފައިވާތީ، ޝަރީއަތުގެ މަރުހަލާތައް އަވަސްވެ، އިންސާފު ހޯދުން ފަސޭހަވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުން އުންމީދީ ނަތީޖާއެއް ލިބިގެންދާނެކަމަށް އިހުސާން ޔަގީންކަން ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.