2002 ވަނަ އަހަރު، އިންޑޮނޭޝިއާގެ ބާލީގައި ބޮން ގޮއްވާލުމުގައި ބައިވެރިވުމުގެ ކުށުގައި ޖަލަށް ލެވުނު، އިންޑޮނޭޝިއާގެ މަޝްހޫރި ދީނީ އިލްމުވެރިޔާ އަބޫ ބަކުރު ބަޝީރު، 10 އަހަރަށްފަހުން، އޭނާގެ ހުކުމުގެ މުއްދަތު ހަމަވުމާ ގުޅިގެން ޖަލުން މިނިވަން ކޮށްފިއެވެ.
މީގެ 10 އަހަރުކުރިން އޭނާ ޖަލަށް ލެވުނީ، އިސްލާމީ ހަގުރާމަވެރިން ތަމްރީން ކުރުމަށް ފަންޑު ކުރުމުގެ ކުށުގައެވެ.
މިހާރު އުމުރުން 82 އަހަރުވެފައިވާ، އަބޫބަކުރު ބަޝީރު ޖަލުން މިނިވަން ކުރެވުނު ނަމަވެސް، އޭނާގެ ހުރިހާ ހަރަކާތެއްވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާނެ ކަމަށް އިންޑޮނޭޝިއާގެ ފުލުހުން ބުނެފައި ވެއެވެ. ބަޝީރުގެ ފިރިހެން ދަރިފުޅު ބުނެފައިވަނީ، މިހާރު ފެތުރެމުންދާ ކޯވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ބަޝީރު ގެއިން ބޭރަށް ނިކުމެ ވަޑައިނުގަންނަވާނެ ކަމުގައެވެ.
ހުދު ތުބުޅިއެއް ލާފައި، އަދި ހަށިފަޑުން އަނަރޫފަކޮށް ހުންނަ، އިންޑޮނޭޝިއާގެ ޔަމަނުގެ ދަރިކޮޅަށް ނިސްބަތްވާ ބަޝީރަކީ، 2002 ވަނަ އަހަރު އިންޑޮނޭޝިއާގެ ޓުއަރިސްޓް ރަށެއްކަމުގައިވާ، ބާލީގައި ބޮންގޮއްވާލި، އަލްގައިދާއާއި ގުޅުން އޮންނަ ޖެމާ އިސްލާމިއްޔާ ނެޓްވާކްގެ ރޫހާނީ ލީޑަރެވެ. ބާލީގައި ބޮންގޮއްވާލި މިހާދިސާގައި 202 މީހުން މަރުވެފައިވާއިރު، މީގެތެރޭގައި ގިނައީ ފޮރިން ޓުއަރިސްޓުންނެވެ. މީގެތޭގަައި އޮސްޓްރޭލިއާގެ 88 މީހުން ހިމެނެއެވެ. މިހާދިސާ ވެގެންދިޔައީ އިންޑޮނޭޝިއާގެ މޫނުމަތީގައި ޖެހިގެންދިޔަ ވަރަށް ބޮޑު ލައްގަޑެއްގެ ގޮތުގައެވެ.
2011 ވަނަ އަހަރު ބަޝީރު ޖަލަށް ލެވުނީ، އިންޑޮނޭޝިއާގެ، ހަރުކަށި ދީނީ ވިސްނުމުގެ މީހުން ގިނަ ސަރަހައްދެއްކަމުގައިވާ އާކޭ ޕްރޮވިންސްގައި ހިންގަމުންދިޔަ، ހަގުރާމަވެރިން ތަމްރީންކުރާ ކޭމްޕްތަކާއި ގުޅުން އޮތްކަމުގެ ތުހުމަތުގައެވެ. އޭނާ އޭރު ޖަލަށް ލެވުނީ، ހަގުރާމްވެރިން ތަމްރީން ކުރުމަށްޓަކާ ހިންގަމުންދިޔަ، ހަގުރާމަވެރި ކޭމްޕަކަށް ފައިސާގެ އެހީތެރިކަން ފޯރިކޮށްދިންކަން ސާބިތު ވެގެންނެވެ. އަދި އޭރު އޭނާ ޖަލަށްލެވުނީ 15 އަހަރު ދުވަހަށެވެ.
އެހެންނަމަވެސް، ޖަލުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ޖަލުހުކުމުން ޖުމްލަ 55 މަސްދުވަސް އުނިވެގެން ދިޔައެވެ. އިންޑޮނޭޝިއާގެ ޖަސްޓިން މިނިސްޓްރީގެ ދަށުން ހިގަމުން އަންނަ ކަރެކްޝަންސް ޑިޕާޓްމަންޓުގެ ތަރުޖަމާން ރިކާ އަޕްރިއާންޓީ ވިދާޅުވި ގޮތުގައި، މިމުއްދަތު ބަޝީތުގެ ޖަލުހުކުމުން އުނިވެގެން ގޮސްފައިވަނީ، އިންޑޮނޭޝީއާގެ ގައުމީ މުހިންމު ދުވަސްތަކުގައި ކުއްވެރިންނަށް ލިބޭ އަފޫއާންމުތަކުގެ ދަށުން ކަމުގައެވެ.
"އޭނާ މިނިވަން ވެފައިވަނީ ހުކުމްގެ މުއްދަތު ހަމަވުމާ ގުޅިގެން،" އަޕްރިއާންޓީ ވިދާޅުވިއެވެ.
ބަޝީރުގެ ފިރިހެން ދަރިފުޅު އަބުދުއްރަހީމް އެސޯސިއޭޓް ޕްރެސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހުކުރު ދުވަހުގެ ހެދުނު، ބަޝީރު ވެސްޓް ޖާވާގެ ބޮގޯރ ޓައުންގައި ހުންނަ ގުނުންގ ސިންދުރު ޖަލުން، 335 މޭލު ދުރުގައި، ވެރިރަށް ޖަކާޓާގައި ހުންނަ އޭނާގެ ގެއަށް ގެންގޮސްދީފައިވަނީ، އިންޑޮނޭޝިއާގެ، ޑެންސަސް 88 ގެ ނަމުން ނަން ދެވިފައިވާ، އެގައުމުގެ ޕޮލިސްގެ އެންޓި ޓެރަރިޒަމް ސްކޮޑުން ކަމުގައެވެ.
ޖަކާޓާގެ ސޯލޯ ސިޓީގައި، އޭނާ ހިއްސާވެގެން އުފެއްދި އިސްލާމިކް ބޯޑިން ސްކޫލްގައި ހުންނަ އޭނާގެ ގެއަށް ގެންދިޔައިރު، އެކީގައި އާއިލާގެ ގާނޫނީ ވަކީލުންގެ ޓީމުގެ މެމްބަރުންނާއި އަދި ސިއްޙީ މާހިރުންގެ ޓީމެއްވެސް ދަތުރުކޮށްފައި ވާކަމަށްވެސް، ބަޝީރުގެ އާއިލާއިން މައުލޫމާތު ދީފައި ވެއެވެ.

ބަޝީރުގެ ދަރިފުޅު އަބުދުއްރަހީމް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި، ބަޝީރު މިނިވަން ވުމާގުޅިގެން އުފާފާޅުކުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް، އާއިލާގެ ފަރާތުން ވަނީ، ކަމާގުޅުންހުރި މުވައްސަސާތަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
2002 ގައި ހިގި ބާލީގެ ބޮން ގޮއްވުމުގެ ހާދިސާއާއި ގުޅިގެން ބަޝީރު ހައްޔަރު ކުރުމަށްފަހު ޖަލުން ދޫކޮށްލެވުނީ 2004 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ދެވަނަ ފަހަރަށް ހަމަ އެއަހަރު ހައްޔަރު ކުރެވުނީ ޖާމިއާ އިސްލާމިއްޔާގެ ނަމުގައި ދީނީ ޖަމާއަތެއް ހިންގަމުން ދިއުމުގެ ކުށުގައާއި އަދި ބާލީގެ ބޮން ގޮއްވުމުގެ ހަމަލާގައި ބައިވެރި ވުމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް، ޖާމިއާ އިސްލާމިއްޔާ އެންމެ އިސްމީހެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ކުށް ސާބިވެފައެއް ނުވެއެވެ. އެހެންނަމަވެސް، ބާލީގެ ބޮން ގޮއްވުމުގެ ހަމަލާއާއި ގުޅުން އޮތްކަން ސާބިތުވެ ކޯޓުން އޭނާ 30 މަސްދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.
އެއަށްފަހު 2006 ވަނައަހަރު ޖަލުން މިނިވަން ވުމާއިއެކު އަލުން، އެނާ 1972 ވަނަ އަހަރު އުފެއްދި އަލް މުކްމިން ބޯޑިން ސްކޫލުގައި ކިޔަވާދޭން ފެއްޓިއެވެ. އަދި ދީނީ ދަރުސްތައް ދިނުމަށް އިންޑޮނޭޝިއާގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަންފެށިއެވެ.
ބަޝީރު، ދެއްވި ދީނީ ބައެއް ދަރުސްތަކުގައި އޭނާ ބުނެފައިވަނީ، ބާލީގެ ބޮން ގޮއްވުމުގެ ހަމަލާއާއި ގުޅިގެން މަރަށް ހުކުމް ކުރި 3 ހަގުރާމަވެރިންނާ އަދި އަލްގައިދާގެ ލީޑަރު އުސާމާ ބިންލާދިންއަކީ ޓެރަރިސްޓުން ނޫން ކަމަށާއި، އެމީހުންނަކީ މުޖާހިދުން ކަމުގައެވެ.
ތިންވަނަ ފަހަރަށް އޭނާ ޖަލަށް ލެވުނީ 2011 ވަނައަހަރުއެވެ.
ޖަލުގައި ހޭދަކުރި މުއްދަތުގައި ބަޝީރުގެ ސިއްޙީ ހާލަތު ދަށްވެ، އެތައްފަހަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވެއެވެ. އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ 2019 ވަނަ އަހަރު އޭނާއަށް މާފްދޭން ނިންމި ނަމަވެސް، އޮސްޓްރޭލިއާގެ ޕްރެޝަރާއި އަދި ބާލީ ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ އާއިލާތަކުގެ ޕްރެޝަރުގެ ސަބަބުން ވަނީ އެނިންމުން ބަދަލު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ