ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވި އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން މިއަދު އާންމުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ސެންޓަރުން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެޑިކަލް ޗެކަޕްތައް ހެދުމާއި، އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.
މި ސެންޓަރުގައި އާއްމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި، ކުޑަކުދިންގެ ހެލްތު ކްލިނިކް އަދި ވެލްނެސް ކްލިނިކެއް ޤާއިމުކޮށްފައިވާ ކަމަށެވެ. މި ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ހަމައަށް ޚިދުމަތް ދޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އާ ހަމައަށް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޖީޕީ ކްލިނިކްގެ ދަށުން ފެމިލީ މެޑިސިން ޕްރެކްޓިޝަނާއަށް ދެއްކުމުގެ ޚިދުމަތާއި، އާންމު ބަލިތަކަށް ފަރުވާ ދިނުމާއި، ޖީޕީ ޑޮކްޓަރުން ލަފާ ދޭ ޓެސްޓުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ބޭސް ސިޓީ އައުކުރުމާއި، ކުދި ޕްރޮސީޖާތައް ހެދުމާއި، އެކްސްރޭ ނެގުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ. މި ސެންޓަރުގައި ބޭސް ފިހާރައެއް ވެސް ހުންނާނެއެވެ.
ކުޑަކުދިންގެ ކްލިނިކުން ފަސް އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި ޑިވެލޮޕްމަންޓަލް މައިލްސްޓޯންސް ބެލުމުގެ ޚިދުމަތް ދޭނެއެވެ. އަދި ތުއްތު ކުދިންނަށް ގާތުން ދިނުމާއި ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން ހިމެނެއެވެ. ގައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުމާއި، އިޚްތިޔާރީ ވެކްސިން ޖަހައިދިނުމުގެ އިތުރުން، އުމުރުން 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން-އޭ އަދި ބޭސް ދިނުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ވެލްނެސް ކްލިނިކްގެ ދަށުން ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތާއި، ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގެ ޚިދުމަތް ވެސް ދޭނެއެވެ. މި ކްލިނިކްގެ އެހީގައި ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށް ދިނުމަށް މަސައްކަތް ކުރާނެއެވެ.
ކޮމެންޓު ފޮނުވާ