ތިލަފުށީ ކުނިގޮނޑަށް ވެއްޓި ބިދޭސީއަކު މަރުވި މައްސަލައިގައި ދައުވާއެއް ނުކުރަން ނިންމައިފި

ތިލަފުށީ ކުނިގޮނޑަށް ވެއްޓި ބިދޭސީއަކު މަރުވި މައްސަލައިގައި ދައުވާއެއް ނުކުރަން ނިންމައިފި

Author
އަހުމަދު
23 ޖުލައި 2026 11:43
0

ތިލަފުށީ ވެމްކޯ ސައިޓުގައި ކުނިތަކެއްގެ ދަށުވެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ، 24، މަރުވި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގު ފުރިހަމަކުރުމަށް ފަހު، ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ، އެ ވަގުތު އެކްސްކަވޭޓަރު ދުއްވަން އިން ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ، 32،ގެ މައްޗަށެވެ. އޭނާ އޭރު ހައްޔަރުކުރި ނަމަވެސް، މިހާރު ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލައިފަ އެވެ.

ނަމަވެސް، މިދިޔަ އޭޕްރީލު މަހު އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލަމުން ޕީޖީ އޮފީހުން ބުނީ، މި ހާދިސާ ހިނގުމުގައި ހެޝަންގެ އިހުމާލެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހެޝަން ލައްވާ އެކަން ހިނގި ގޮތް ކުޅުވިއިރު، އެ ސަރަހައްދުގައި ހުރި އަލިކަމާއި މަސައްކަތު މާހައުލު ހުރި ގޮތުން، އެ ސަރަހައްދުގައި މީހަކު ހުރިކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް ނެތްކަން ފާހަގަކުރެވުނު ކަމަށް ޕީޖީން ބުންޏެވެ.

މީގެ އިތުރުން، އެ ވަގުތު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ފޫޓު ދުރުގައި ކަމަށާއި، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު ވެސް އެ ވަގުތު އެ ސަރަހައްދުގައި ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. ސަލާމަތީ ސަބަބުތަކާ ހުރެ، ކުނިގޮނޑުގެ މައްޗަށް އެރުމަކީ ވެމްކޯއިން މަނާކޮށްފައި އޮންނަ ކަމެއް ކަން ވެސް ޕީޖީން ފާހަގަކުރި އެވެ. އަދި މަރުވި އަމީނާއި ހެޝަނާ ދެމެދު އެއްވެސް ބާވަތެއްގެ ޒާތީ ހަސަދައެއް ނުވަތަ އަދާވަތްތެރިކަމެއް އޮތްކަން ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަމީން ކުނިތަކުގެ ދަށުވީ އެކްސްކަވޭޓަރުން ކުނި ނަގައި، ކައިރީ އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި، އޭނާގެ ހަށިގަނޑުގައި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި، ކުނިތަކާ އެކު އޭނާ ވެސް ބަދަލުކުރެވި، ގައި މައްޗަށް ކުނިތައް އެޅިގެންނެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވެ އެވެ. އަމީން ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ކުނިތަކުގެ ތެރެއިން ފެނުނީ ދެ ދުވަސް ފަހުންނެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރީ ވެސް އޭގެ ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.