ޖޭއެސްސީ: ވަކި ކޯޓެއްގެ ފަނޑިޔާރުންނަށް ޚާއްސަ ސަމާލުކަމެއް ނުދޭ

ޖޭއެސްސީ: ވަކި ކޯޓެއްގެ ފަނޑިޔާރުންނަށް ޚާއްސަ ސަމާލުކަމެއް ނުދޭ

Author
ހުސައިން
21 ނޮވެމްބަރ 2025 09:35
0

ފަނޑިޔާރުންނާގުޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި، ވަކި ކޯޓެއްގެ ފަނޑިޔާރުންނަށް ޚާއްސަ ސަމާލުކަމެއް ނުދޭކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ތަޙްޤީޤުކުރާކަމަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރެމުންދާތީ ނެރުނު ބަޔާނެއްގައި ޖޭއެސްސީން ބުނީ، ކޮމިޝަނުން އަމަލުކުރަނީ ހުށަހެޅޭ ޝަކުވާއާއި ހެކީގެ މައްޗަށް ބިނާކޮށްކަމަށެވެ. ވަކި ކޯޓަކަށް ނިސްބަތްވާތީ ވަކިގޮތަކަށް ޢަމަލުކުރުމަކަށް ނޫންކަމަށް ވިދާޅުވިއެވެ.

ބަޔާނުގައި ޖޭއެސްސީން ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު ފުރިހަމަގޮތުގައި ފޯރުކޮށްދޭ ތަނަކަށް ފަނޑިޔާރުގެ ހެދުމަކީ އެ ކޮމިޝަނުގެ ޒިންމާއެވެ. އެހެންކަމުން ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދުވަހުން ދުވަހަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

އެ ކޮމިޝަނުން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ހުށަހެޅިފައިވާއިރު، ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާއެވެ. ސާބިތުވެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަމައެކަނި 6 ފަނޑިޔާރުންނަށް ކަމަށާއި، އެއީ މުޅި ޝަކުވާގެ 3.4 އިންސައްތަ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ވަނީ ވަކި ކޯޓެއްގެ ފަނޑިޔާރުންނަށް ޚާއްސަ ސަމާލުކަން ދީގެން ތަޙްޤީޤުކުރާކަމަށް މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.