2022 ވަނަ އަހަރު ދެކުނުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ. އެ އަހަރުގެ އޮކްޓޫބަރު މަހުގައި ހިނގި މި ހާދިސާގައި ފިރިހެނަކު ވަނީ އެ ކުޑަ ކުއްޖާ ސައިކަލެއްގައި ގޮވައިގެން ދަމުން، ކުއްޖާގެ އުމުރާ ނުގުޅޭ ގޮތަށް ވާހަކަދައްކައި، ކުއްޖާ ދެކެ ލޯބިވާކަމަށް ބުނެ، ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ގައިގައި އަތްލައިފައެވެ.
މި މައްސަލައިގައި ދަށު ކޯޓުން ނިންމީ ކާފީހެކި ނެތުމުން މައްސަލަ ސާބިތުނުވާ ކަމަށެވެ. އެ ހުކުމް ދައުލަތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައި ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، އަނިޔާލިބުނު ކުއްޖާގެ ހެކިބަސް ޝަރީއަތަށް ނެގުމާ ގުޅޭ އެތައް ކަމެއް ފާހަގަކުރިއެވެ.
ހައިކޯޓުން މިދިޔަ ހޯމަ ދުވަހު ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކަކާ ހަވާލާދީ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ހައިކޯޓުގައި ބެލީ ފަނޑިޔާރު ހުސެއިން މަޒީދު، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ޝަނީޒް އަބްދުﷲއެވެ.
ކޮމެންޓު ފޮނުވާ