މާލޭގެ އާންމު ދަތުރުފަތުރުގައި މިހާރު ދިމާވަމުން އަންނަ ދަތިތައް ހައްލުކުރުމުގެ ގޮތުން އެމްޓީސީސީން ފަށަން ތައްޔާރުވަމުން އަންނަ ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތަށް 407 ޑްރައިވަރުން ހޯދަން އިއުލާނުކޮށްފި އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. އެ ހިދުމަތަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވެ އެވެ.
އުބާ އާއި ގްރޭބް ފަދަ ބޭރުގެ ހިދުމަތްތަކުގެ ސްޓައިލަށް ހާއްސަ އެޕްލިކޭޝަނަކުން 24 ގަޑިއިރު ޓެކްސީއަށް އެދެވޭނެ ގޮތަށް ތައްޔާރުކުރަމުން އަންނަ މި ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެންނެވެ. އެމްޓީސީސީން ބުނި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓެކްސީ ޑްރައިވަރުންނަށް މުވައްޒަފުން ނެގުމުގައި އިސްކަން ދޭނެ އެވެ. އެނގިފައިވާ ގޮތުގައި ފުރަތަމަ ފިޔަވަހީގައި މާލެ އާއި ހުޅުމާލެ އަދި ވެލާނާ އެއާޕޯޓަށް 100 ޓެކްސީން ހިދުމަތް ދޭން ފަށާނެ އެވެ. މި އަހަރުގެ ޖުލައި މަހު ހިދުމަތް ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފައި އެވެ. ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދިވެސް އިއުލާނުކޮށްފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ