ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ހުއްޓުވައި ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށް ރަސްމީ ހައިސިއްޔަތެއް ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ. މި ގަރާރު ފާސްވުމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މަރުހަބާ ކިޔައި، މިއީ ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި ދެމެހެއްޓެނިވި ހަމަޖެހުން ގާއިމުކުރެވޭނެ އަދި އަރަބި ގައުމުތަކާ އެކު ގުޅުންތައް ހަރުދަނާކުރެވޭނެ މަގެއް ކަމަށް ބުނެފައިވެ އެވެ.
ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން މި ގަރާރަށް ތާއީދުކޮށް ވޯޓު ދިން އިރު، ވީޓޯގެ ބާރު ލިބިފައިވާ ޗައިނާ އާއި ރަޝިޔާއިން ވޯޓުގައި ބައިވެރިއެއް ނުވި ނަމަވެސް ވީޓޯ ކުރީ ނޫނެވެ. މި ޕްލޭނުގައި އިޒްރޭލު ސިފައިން ޣައްޒާއިން ފޭބުމާއި، އެތަނުގައި ވަގުތީ ގޮތުން އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް ހަރަކާތްތެރިވުމާއި، ކުރިމަގުގައި ފަލަސްތީނުގެ އަމިއްލަ މިނިވަން ދައުލަތެއް އުފެއްދުމާ ބެހޭ ވާހަކަތައް ހިމެނެ އެވެ. އިޒްރޭލާއި މިސްރާއި ފަލަސްތީނުން އަލަށް ތަމްރީންކުރާ ފުލުހުންނާ ގުޅިގެން ޣައްޒާގެ ބޯޑަރު ސަރަހައްދުތައް ބަލަހައްޓައި، ބައިނަލްއަގުވާމީ ފައުޖުން ހަތިޔާރު ނައްތާލުމާއި އާންމުން ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ނަމަވެސް، މިއީ ފަލަސްތީނު ރައްޔިތުންގެ ސިޔާސީ އަދި އިންސާނީ ހައްގުތަކަށް އެކަށީގެންވާ ގޮތުގައި ރިއާޔަތްކޮށްފައި ނެތް ގަރާރެއް ކަމަށް ބުނެ، ހަމާސް ޖަމާއަތުން މި ޕްލޭން ބަލައިގަންނަން ދެކޮޅު ހަދައިފައިވެ އެވެ.
ކޮމެންޓު ފޮނުވާ