އަންނަ އަހަރަށް ލަފާކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ މި ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް 15 މިނެޓުގެ ވަގުތު ދީގެން މިދިޔަ ހަފްތާއިން ފެށިގެން ބަހުސް ކުރިއަށް ގެންގޮސްފައިވެއެވެ.
ބަޖެޓް ބަހުސްގައި ބައިވެރިވި މެންބަރުން ވަނީ ސަރުކާރުން ހަރަދު ކުރުމުގައި ގެންގުޅޭ ގޮތްތައް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި، އަންނަ އަހަރު ކުރަން ނިންމާފައިވާ ބައެއް ހަރަދުތަކުން އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިސްނައިގެން ކަންކަން ކުރުމަށް ގޮވާލާފައެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ ސަރުކާރުން ދޭ ބައެއް ސަބްސިޑީތައް މަހުޖަނުންނަށް ދިނުން ހުއްޓާލަން ޖެހޭ ކަމަށާއި، ވަކި ވަރަކަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކަށް އެހީ ދޭން ނުޖެހޭ ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ އައިއެމްއެފް އާއި ވޯލްޑް ބޭންކުން އެދެމުންދާ ގޮތަށް ސަރުކާރުން ހަރަދު ކުރަމުން ނުދާ ކަމަށާއި، ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ފުރަތަމަ ބަހުސް ނިމިފައިވާއިރު، ބަޖެޓް ކޮމިޓީން ގެންދަނީ އެކި އިދާރާތަކާއެކު މަޝްވަރާކުރަމުންނެވެ. ކޮމިޓީ މަރުހަލާ ނިމުމުން އަނެއްކާވެސް ބަޖެޓާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބޭނެއެވެ. މި ބަޖެޓުގައި ޖުމްލަ ހަރަދަކަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއަށް ކަމަށާއި، ޖުމްލަ އާމްދަނީއަކަށް 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްލަފާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ