އިދިކޮޅު މުޒާހަރާގެ ބައިވެރިން ޖަލުގައި ބަންދު ކުރުމަށްފަހު ދޫކޮށްލައިފި

އިދިކޮޅު މުޒާހަރާގެ ބައިވެރިން ޖަލުގައި ބަންދު ކުރުމަށްފަހު ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 04:33
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 5 މީހަކު ޖަލުގައި ބަންދު ކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

ޖަލުގައި ބަންދުކުރި މީހުން ދޫކޮށްލާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ބަންދުން ދޫކޮށްލާފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ ޢަބްދުﷲއާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އާމިނަތު ފަޒްލާގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ކަމަށްވާ ޚާލިދު އުސްމާން، ޚަދީޖާ ޙުސެއިން އަދި ޢަބްދުﷲ ސަލީމް އެވެ. މީގެ ތެރެއިން ދެ ބޭފުޅުންނަކީ އުމުރުން ދުވަސްވީ ދެބޭފުޅުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ހައްޔަރުކުރި މީހުން ބުނެފައިވަނީ ޖަލަށް ގެންގޮސް އެކި ވަރުގެ އަނިޔާތައްދީ، ބައިތިއްބާފައިތިބީ ނަޖިސްފެން ހުރި ތަނެއްގައި ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ފިރިހެން މީހާއާއި ސުވާލު ކުރުމުން އޭނާ ވަނީ ރޯން ފައްޓާފައެވެ. އަނިޔާކުރިތޯ ނޫސްވެރިޔަކު ސުވާލުކު ކުރުުމުން އޭނާ ވަނީ ބޮލުން އިޝާރާތްކޮށް އަނިޔާކުރިކަމަށް ބުނެ، ބުރަކަށީގައި އަތްލައި ބުރަކަށްޓަށް އަނިޔާކުރި ކަމަށް ބުނެފައެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓުގެ ކައިރީގައި ކުރި އިހުތިޖާޖު ކޮންޓްރޯލް ކުރުމަށް ފުުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕީޕީއެމް

ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް ދެ އަންހެން މެމްބަރުން ބުނީ ޖަލަށް ގެންދިއުމަކީ އެއްވެސް ވަރަކަށް ބިރުން ފަހަތައް ޖެހޭނެ ކަމެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީން ޝަރީއަތް އޮންނަ ކޮންމެ ދުވަހެއްގައިވެސް އަދި އިދިކޮޅުން ބާއްވާ ކޮންމެ ހަރަކާތެއްގައިވެސް އެންމެ ކުރީސަފަށް ނިކުންނާނެކަމަށް ބުނެފައެވެ.

އެ މީހުން ހައްޔަރު ކުރި ފުލުހުން ކޯޓު ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނި ނަމަވެސް ޕީޕީއެމް އިން ވަނީ މީހުން ހައްޔަރު ކުރަން އެކަށީގެން ނުވާ މިންވަރަށް ބާރު ބޭނުން ކުރި ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.