މިސަރުކާރުން ހިންގަމުންދާ ޤާނޫނާއި ޚިލާފު ކަންކަމަށް ޖަވާބު ދާރީކޮށް، މިވެރިކަން ޤާނޫނީ އިމުގެ ތެރެއިން ވައްޓާނެކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، ރައީސް ޔާމީން ޝަރީއަތް ކުރި ތަނަށް އިއްޔެ އެއްވި މީހުންުގެ ތެރެއިން ފުލުހުންގެ ބަންދަށް ގެންދިޔަ މީހުން ދޫކޮށްލުމާއި ގުޅިގެން މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ މިސަރުކާރުން ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކުރަމުންދާ ކަންތައްތަކަށް ތާއަބަދު ޖާގަ ދީގެން ނުތިބޭނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަންކޮށް ގޮވާލައި، އަޑު އުފުލުމުން އެކަމާއި ހަޖަމުނުވެ، ތިން އަންހެން ކަނބަލުންނާއި އުމުރުން ދުވަސްވީ ދެމީހަކު ހައްޔަރުކޮށް ޖަލަށް ގެންދިއުމާއި ގުޅިގެން ޝުޖާ ވިދާޅުވީ ފެނިގެން މިދިޔައީ ތިން ކަނބަލުންގެ ދަށުގައި މިސަރުކާރުވި މަންޒަރުކަމަށެވެ. ތިން ކަނބަލަކު މައިތިރިނުވެ މުޅި ސަރުކާރު ގޮތް ހުސްވުމަކީ ސަރުކާރުގެ ބަލިކަށިކަން ހާމަވެގެން ދިޔަ ކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނާއި ޚިލާފަށް މިސަރުކާރުން ރައީސް ޔާމީނާއި، ޕީޕީއެމްގެ ސަޕޯޓަރުނަށް ދެމުންދާ އަނިޔާގެ ބަަދަލުދީ މިސަރުކާރު ކުޑަ ކަކުލަށް ތިރި ކުރާނެކަމަށެވެ.
އަޅުގަނޑުމެން މިސަރުކާރުން ހިންގާ ޤާނޫނާއި ޚިލާފް ކަންކަން ހުއްޓުވައި، މިސަރުކާރު ކުޑަކަކުލަށް ތިރިކުރާނަން. މިސަރުކާރު ބަލިކޮށް ޤާނޫނީ އިމުގެ ތެރެއިން މިސަރުކާރު ވައްޓާނަން. އެކަން ވެދާނެތީ ބިރުން ކައުންސިލް އިންތިޚާބުވެސް ނުބާއްވަން އުޅެނީ. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ފުލުހުންގެވެސް ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ، ކުރާހާ ހުރިހާ އަމުރަކަށް ކިޔަމަންވާ ނުޖެހޭކަމަށެވެ. ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ދީފައިވާ ޚިޔާލު ފާޅުކުރުމާއި، އަޑު އުފުލުމުގެ މިނިވަންކަން ބޭނުންކުރުމުން އެމީހުން ޖަލަށްލައި ލާއިންސާނީ އަނިޔާ ދިނުމަކީ ފުލުހުންނަށް އޮތް ހައްގެއް ނޫންކަމަށެވެ. މިއަނިޔާތަކަކީ ތާއަބަދު ދެވޭނެ އަނިޔާތަކެއް ނޫންކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކާއި ޣައިރު ޤާނޫނީ މަސައްކަތްތައް ދާދި އަވަހަށް ހުއްޓުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ