ކޮންމެ އާއިލާއަކީ ފޯރުންތެރި އާއިލާއަކަށް ނުވިޔަސް، ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ފޯރުކޮށްދޭނަން: މުއްތަލިބް

ކޮންމެ އާއިލާއަކީ ފޯރުންތެރި އާއިލާއަކަށް ނުވިޔަސް، ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ފޯރުކޮށްދޭނަން: މުއްތަލިބް

Author
ހުސައިން
17 ނޮވެމްބަރ 2025 02:08
0
ދިވެހި ކޮންމެ އާއިލާއަކީ ފޯރުންތެރި އާއިލާއަކަށް ނުވިޔަސް، ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމް އިފްތިތާހުކޮށް، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތަކެއް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމައުގައި އުޅޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުވަފެނަކީ ކޮންމެ އާއިލާއަކަށް ވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ލިބުން. އެ ތަނަކީ ލޯތްބާއި އަޅާލުން އިތުރުވާނެ ފަދަ މާހައުލަކަށް ވުން. އާއިލާތަކުން ހަނދާނުން ނުފޮހެވޭ ފަދަ އުފާވެރިކަން ހޯދާ ތަނަކަށްވުން" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި "ބޯހިޔާވަހިކަން އެންމެނަށް" އެއީ ހަމައެކަނި ޝިއާރެއް ނޫނެވެ. މިއީ އެއްވެސް އާއިލާއެއް ބާކީނުކޮށް، ކޮންމެ އާއިލާއަކަށް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ހިންގޭ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ޒިންމާއަކީ، އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތަކަށް މި ސިޔާސަތުގެ ދަށުން އިސްކަން ދިނުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ގޯތި ދޫކުރާ ސްކީމްގެ ދަށުން 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޫކުރާނެ އެވެ.

ހައުސިން މިނިސްޓްރީން ރޭ ބުނީ އެ ސްކީމްގެ ދަށުން ގޯތި ދޭނީ ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.