ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް ހައުސިން މިނިސްޓްރީން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރުމަށް ރާވާފައިވާ ސްކީމްތައް މިރޭ އިއުލާންކުރީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ބައިވެރިވެވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފްކުރާ މި ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމައުގައި އުޅޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ. އެގޮތުން އެއްވެސް ބޯހިޔާވަހިކަމެއް ނެތި ކުއްޔަށް އެއް ތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ މީހުންނާއި މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ބޭންކުތަކުން އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ގާބިލުކަން ނެތް އާއިލާތަކަށް އިސްކަންދޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ތައާރަފްކުރި ސްކީމްތަކުގެ ތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަމާޒުކޮށްފައިވަނީ ބޭންކުތަކުން މޯގޭޖު ފައިނޭންސިން ހޯދުމުގެ ތަނަވަސްކަން ހުރި މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ބޭންކް ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއުތައް ހިންގޭނެ ކަމަށާއި މިރޭ އިއުލާންކުރާ 7،500 ހައުސިން ޔުނިޓަކީ މި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ދޭނެ ޔުނިޓުތަކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މީގެ ތެރޭގައި ފަގީރުކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމާގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވެސް ހިމެނިފައިވާނެ ކަމަށް މުއްތަލިބު ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގޯތި ދޫކުރާ ސްކީމްގެ ދަށުން 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.
އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ދެ ބޮޑު ސްކީމެއް ތައާރަފްކޮށްފައިވާއިރު އެއީ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރާ ސްކީމަކާއި މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާ ސްކީމެކެވެ. މި ދެ ސްކީމަކަށް އެދޭނީ ދިވެހި ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ވެފައިވާ އަދި 400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވާ މީހުންނަށެވެ. އަދި ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުމާއި އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިއުން ވެސް އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އެމީހަކަށް ނުވަތަ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ކުރިން ސަރުކާރަކުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ފްލެޓު ދޫކުރާ ސްކީމްގެ ދަށުން ފްލެޓު ދޫކުރާނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. މާލޭގެ ރަށްވެހިންގެ ގޮތުގައި ދެކެވެނީ އުފަންވީއްސުރެ މާލެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުންނާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރު ވެފައިވާ މީހުންނެވެ.
ގޯތި ދޫކުރާ ސްކީމްގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެއިން ކަމަށް ވާއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންނެވެ. ފްލެޓާއި ގޯތި ދޫކުރާ ސްކީމްތަކުގައި ވެސް ޕޮއިންޓު ދޭއިރު މާލޭގައި ދިރިއުޅުނު މުއްދަތަކާއި އާއިލާގެ ހާލަތާއި ބައެއް އިތުރު ކަންތައްތަކަށް ބަލާނެ ކަމަށް ބުނެފައިވެ އެވެ. މި ސްކީމްތަކާ ގުޅޭ އިތުރު މައުލޫމާތު މިރޭ ގެޒެޓުގައި ޝާއިއުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ